ޚަބަރު

އެހެން މަޝްރޫއުތަކަށް ނަގާފައިވާ ވެލި, ރަސްމާލެ މަޝްރޫއުގައި ބޭނުމެއް ނުކުރާނެ

އެހެން މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ނަގާފައިވާ ވެލި, ރަސްމާލެ މަޝްރޫއުގައި ބޭނުމެއް ނުކުރާނެ ކަމަށް އާބަންކޯގެ މެނޭޖިންގ ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.

ރަސްމާލެ ހިއްކުމުގެ މަޝްރޫއު ފެށިތާ ހަފުތާއެއް ތެރޭގައި 10 ހެކްޓަރުގެ ބިން ހިއްކާފައިވަނީ ގުޅީފަޅުން ވެލި ނަގައިގެން ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވާހަކަތައް ފަތުރަން ފެށުމާ ގުޅިގެން ފަޒުލް ވަނީ ވިދާޅުވެފައެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަޒުލް ވިދާޅުވީ ރަސްމާލެ ރިކްލެމޭޝަން ކުރިއަށްދަނީ ގުޅީފަޅުންނާއި ގިރާވަރުފަޅުންނާއި ތިލަފުށިންނާއި ހުޅުމާލެ ހިއްކާ ސަރަހައްދުން ވެލި ނަގައިގެން ނޫން ކަމަށެވެ.
“ރައްޔިތުންގެ ހިތުގައި ނުތަނަވަސްކަން އުފެއްދުމަށް ކުރާ މަސައްކަތްތައް ކުށްވެރިކުރަން’،“ ރަސްމާލެ ހިއްކުމަށް, އެހެން މަޝްރޫއުތަކަށް ބޭނުންކުރާ ވެލި ބޭނުން ކުރަމުންދާކަމަށް ސަރުކާރާ އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތައް ދޮގުކުރައްވައި ފަޒުލް ވިދާޅުވިއެވެ.
ރަސްމާލެ ހިއްކުމުގެ މަޝްރޫއުގެ ސަބަބުން މިހާރު ކުރިއަށްދާ ހިއްކުމުގެ އެހެން މަޝްރޫއުތަކަށް އަސަރެއް ނުކުރާނެ ކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ.ޢަބްދުﷲ މުއްޠަލިބު ވެސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ވިދާޅުވެފައެވެ.
ރަސްމާލެ ހިއްކުމަށް ވެލިނަގާ ސަރަހައްދުގެ ޗާޓުގެ އާންމުކުރައްވައި މިނިސްޓަރު ވިދާޅުވީ ރަސްމާލެއަށް ވެލި ނަގަނީ ޗާޓުގައި ފާހަގަކޮށްފައިވާ ގޮތަށް މާލެ އަތޮޅު ދެކުނުބުރިން އެކަމަށް ކަނޑައެޅިފައިވާ ސަރަހައްދުން ކަމަށާއި ގުޅީފަޅަށް ވެލި ނަގާ ސަރަހައްދަކީ މާލެ އަތޮޅު އުތުރުބުރީ ގުޅީފަޅު ކައިރީގައި އޮންނަ ސަރަހައްދެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭގައި ހިންގާ ބިންހިއްކުމާއި ބޯހިޔާވަހިކަމުގެ އެންމެބޮޑު މަޝްރޫއު ”ރަސްމާލެ“ ބިން ހިއްކުމުގެ މަޝްރޫއު ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާހު ކޮށްދެއްވީ މި މަހުގެ 18ގައެވެ. ކ.ފުށިދިއްގަރު ފަޅުގައި ތަރައްގީކުރާ ސަހަރަށް ”ރަސްމާލެ“ގެ ނަމުން ނަންދެއްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މަސައްކަތް ފަށާތާ 8 މަސްދުވަހުގެ ތެރޭގައި ފުށިދިއްގަރު ފަޅުން 1153 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށެވެ.
އެ މަޝްރޫއަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމެނި 400 މިލިއަން ރުފިޔާ ބަޖެޓުން އުނިކުރުމުން، އެ މަޝްރޫއު ކުރިއަށްގެންދަން ނިންމާފައިވަނީ ދިވެހި ދައުލަތުން އެއްވެސް ޚަރަދެއް ކުރަންނުޖެހޭ ގޮތަށެވެ. އެކަން ކުރާނީ ރަސްމާލެއިން 60 ހެކްޓަރު އަދި ހުޅުމާލެއިން 10 ހެކްޓަރު ބިން އެކަން ކުރާ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީ) ކުންފުންޏަށް ދީގެންނެވެ.
ރަސްމާލެ ހިއްކުމުގެ މަޝްރޫއު ފެށިތާ ހަފުތާއެއްތެރޭގައި 10 ހެކްޓަރުގެ ބިން މިހާރު ވަނީ ހިއްކައިފއެވެ. އެ މަޝްރޫއުގެ ދަށުން ބިން ހިއްކުމަށް ހަމަޖެހިފައިވަނީ މޫދުގެ ލޮނުގަނޑުން ފެށިގެން 2.5 މީޓަރު އުސްމިނަށެވެ. އެގޮތުން ރަސްމާލެ ހިއްކާނީ ހުޅުމާލެއަށްވުރެ އިތުރު 0.5 މީޓަރު އުސްކޮށެވެ. އަދި ބިމުގެ ބޮޑު މިނަށް ބަލާނަމަ މިއީ މިހާރު އޮތް ހުޅުމާލޭގެ ތިންގުނައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button