މިމަހު 23ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ މަޖިލިސް ޕްރައިމަރީގައި ދިއްގަރު ދާއިރާގެ މެންބަރަކަށް އަހުމަދު ނާޒިމް ކުރިމަތިލައްވައިފިއެވެ.
އަހުމަދު ނާޒިމް ކުރި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ ބަރުލަމާނީ ހަޔާތުގެ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، ޕީއެންސީގެ ޓިކެޓްގައި ދިއްގަރު ދާއިރާއަށް ވާދަކުރުމަށް، ނިންމައި ފޯމު ހުށަހަޅާފައިވާ ކަމަށެވެ.
އަހުމަދު ނާޒިމަކީ ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަދި މީގެކުރިން ވެސް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާ ތަމްސީލުކޮށް ދީފައިވާ ޚިދުމަތްތެރި ބޭފުޅެކެވެ. ގޮނޑި ގެއްލުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސުޕްރީމް ކޯޓުން އޭނާގެ މައްޗަށް 25 އަހަރުގެ ހުކުމެއް އިއްވުމާ ގުޅިގެންނެވެ. ނަމަވެސް ފަހުން އެ ނިންމުން މުރާޖާ ކޮށްދިނުމަށް ސުޕްރީމް ކޯޓުގައި 2018 ވަަނަ އަހަރު އެދުމުން ސުޕްރީމް ކޯޓުން ވަނީ ނާޒިމްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅާފައިވާ ހުކުމް ބާތިލުކޮށްފައެވެ.