ވެރިކަމުގެ ފަހު ދެ ދުވަހު، ބިދޭސީ ފަސް މީހަކަށް ދިވެހި ރައްޔިތުކަން!

ރައީސަށް ލިބިގެންވާ ބާރުގެ ދަށުން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ ފަހު ދެ ދުވަހު، ބިދޭސީ ފަސް މީހަކަށް ދިވެހި ރައްޔިތުކަން ދީފައިވާކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ފަސް މީހުންނަށް ރަށްވެހިކަން ދީފައިވަނީ މިދިޔަ މަހުގެ 14އާއި 16އާ ދެމެދު އެވެ. މިދިޔަ މަހުގެ 16އަކީ ކުރީގެ ރައީސް ސޯލިހްގެ ސަރުކާރުގެ އެންމެ ފަހު ދުވަހެވެ.
އެ ފަސް މީހުންނަށް ވެރިކަމުގެ ފަހު ދެ ދުވަހު ރަށްވެހިކަން ދީފައި ވަނީ، ރާއްޖޭގެ ސިޓިޒަންޝިޕް ގާނުނުގެ ދެ ވަނަ މާއްދާގައި ބުނާ ޝަރުތުތައް ފުރިހަމަވާ ކަމަށް ބުނެ، ރައީސަށް ލިބިވަޑައިގަންނަވާ އިހްތިޔާރުގެ ދަށުންނެވެ.
ރަށްވެހިކަން ދީފައިވާ ބިދޭސީންގެ ތަފްސީލު (ޕާސްޕޯޓު ނަންބަރު އުނިކޮށްފައި):
ފޮރިން މިނިސްޓްރީގެ އިސް ވެރިޔަކު ސޮއިކުރައްވައި އެ ފަސް މީހުންނަށް ރަށްވެހިކަން ދޭން ކަނޑައެޅިކަން ދައުލަތުގެ އިދާރާތަކަށް ސިޓީގެ ޒަރީއާއިން ވަނީ އަންގާފައެވެ. އެ ފަސް މީހުންނަށް ދިވެހި ރަށްވެހިކަން ދިން ކަމުުގެ ލިޔެކިޔުންތަކުގައި ހަވާލާދީފައިވާ ސިޓިޒެންޝިޕް ގާނޫނުގެ ދެ ވަނަ މާއްދާގައި ބުނަނީ، ދިވެހި ރައްޔިތަކަށް ވާން އެދޭ ބިދޭސީ މީހާގެ ކިބައިގައި ޖުމްލަ އަށް ޝަރުތެއް ފުރިހަމަވާ ނަމަ، ދިވެހި ރަށްޔިތުކަން ލިބޭނެ ކަމަށެވެ.
ޝަރުތުތަކުގެ ތެރޭގައި މުސްލިމަކު ކަމުގައިވުން، އުމުރުން 21 އަހަރުވެ، ބުއްދި ސަލާމަތުން ހުރި މީހަކު ކަމުގައިވުން، މެދުނުކެނޑި ރާއްޖޭގައި 12 އަހަރު ވަންދެން އުޅެފައިވުން، ރާއްޖޭގެ ގާނޫނު އަސާސީގެ މައުލޫމާތު އެނގި ހުރި މީހަކަށްވުން، ދިވެހި ބަހުން ވާހަކަ ދައްކަން އެނގުން، ރާއްޖޭގެ އަސާސީ ތައުލީމުގެ މުގައްރަރުގައިވާ ފެންވަރަށް ލިޔަންކިޔަން ދަންނަ މީހަކު ކަމުގައިވުން، ސިޔާސީ ކުށެއް ނުވަތަ ޝަރީއަތުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް ނުވަތަ ގާނޫނާ ހިލާފަށް މަސްތުވާތަކެތި އުފެއްދުމާއި ފެތުރުމާއި އެ ތަކެތީގެ ވިޔަފާރި ކުރުމުގެ ކުށެއް ކޮށްފައިވާ މީހަކު ކަމުގައި ނުވުން، ރާއްޖެއަށް ބޭނުންތެރި މީހަކު ކަމުގައިވުން، އެ މީހެއްގެ އަސްލު ސިޓިޒެންޝިޕް ދޫކޮށްލާނެ ކަމަށް އިގްރާރުވުމާއެކު، އެ ސިޓިޒެންޝިޕުން ތަނާޒުލްވުމާ މެދު އިއުތިރާޒެއް ނެތް ކަމުގެ ރަސްމީ ލިޔުމެއް އެ މީހަކު ނިސްބަތްވާ ގައުމުގެ ސަރުކާރުން ހޯދައި ހުށަހެޅުން، މިއެވެ.
އެ ޝަރުތުތައް ހަމަވާ ކޮންމެ މީހަކަށް ދިވެހި ރައްޔިތުކަން ދިނުމުގެ އިހްތިޔާރު ގާނޫނުގައި ވަނީ ލިއްބައިދީފައެވެ.
Neyvaa holhi ah elhunu vaguthu ves kantha thake kolaifi dho Sitthi Zahira Husain Mohamadh akee bafaa kaleyge devana anbi mee haa baa