ޚަބަރު

އައްޑޫއަށް 3 ދުވަސް ފަހުން ފެން ލިބިއްޖެ

އައްޑޫއަށް ފެނުގެ ހިދުމަތަށް ދިމާވި މައްސަލަ ތިން ދުވަސް ފަހުން ހައްލުކޮށް، ފެނުގެ ހިދުމަތް އަލުން ދޭން ފަށައިފިއެވެ.

އައްޑޫއަށް ފެނުގެ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރާ އާރުއޯ ޕްލާންޓަށް ދިމާވި މައްސަލައަކާ ގުޅިގެން އެ ރަށްތަކުން ފެނުގެ ހިދުމަތް ކެނޑުނީ މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނުއެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު ވިދާޅުވީ އެ މައްސަލަ ހައްލުކޮށް ފެނުގެ ހިދުމަތް އަލުން ދޭން ފަށާފައިވާކަމަށެވެ. އޭނާ ވިދާޅުވީ އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް ޓަކައި ކުރަން ޖެހޭ ކަންކަން ކުރަމުންދާ ކަމަށެވެ.

”ކްރިޓިކަލް ކޮންޑިޝަންގައި ހުރި ތަންތަން ބަލަމުން މި ދަނީ. އެކަމަށް ހާއްސަ ކޮމެޓީއެއް ނަގައިގެން އެ މަސައްކަތް ކުރާނީ،“ މުއާޒު ވިދާޅުވި އެވެ.

ފެނަކައިން ނެރުނު ނޫސް ބަޔާނެެއްގައި ބުނެފައިވަނީ އައްޑޫގެ ފެނުގެ ހިދުމަތް ކެނޑެން ދިމާވި މައިގަނޑު ސަބަބަކީ އެ ކުންފުނިން ކުރަން ޖެހޭ ބައެއް މަސައްކަތްތައް އެންމެ އެދެވޭ ގޮތެއްގައި ކޮށްފައިނުވާތީ ކަމަށެވެ.

އެހެންކަމުން، ފެން ޕްލާންޓަށް މައްސަލައެއް ދިމާވާ ހާލަތުގައި ވެސް ފެނުގެ ހިދުމަތް މެދުނުކެނޑޭނެ ގޮތަށް، އައްޑޫގައި ފެނުގެ ސްޓޯރޭޖް އިތުރު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކަމާބެހޭ ވުޒާރާތަކާއި ގުޅިގެން ފަށާފައިވާ ކަމަށް ފެނަކަ އިން ބުންޏެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button