އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅުއްވަން ފެއްޓެެވުމާއެކު މަޖިލީހުގެ މައިނޯރިޓީ ޕާޓީކަމަށްވާ ”ދަ ޑިމޮކްރެޓްސް“ މަޖިލީހުގެ ތަޅުމުގައި އިހުތިޖާޖުކޮށްފިއެވެ.
ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް އިންތިޚާބުކޮށްފައިވާ ހިތަދޫ އުތުރު ދާއިރާގެ މުހައްމަދު އަސްލަމުގެ ރިޔާސަތުގައި ބަޖެޓު ހުށަހެޅުމުގެ ޖަލްސާ ފެށުމާއެކު އެންމެ ފުރަތަމަ ނިޒާމީ ނުކުތާއެއް ނެންގެވީ ރޭ މަޖިލީހުގެ ރައީސް ކަމުން އިސްތިއުފާ ދެއްވި ރައީސް ނަޝީދެވެ.
އެމަނިކުފާނު ވިދާޅުވީ ޤާނޫނު އަސާސީއާއި މާލިއްޔަތު ޤާނޫނުގައި ބުނެފައިވާ މުހުލަތަށް ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަނޭޅުއްވީތީ ފިނޭންސް މިނިސްޓަރ އަމީރު ވަޑައިގެން އިންނެވީ ކުށުގެ ތުހުމަތުވާ ހާލުގައި ކަމަށެވެ. އަދި ޑިމޮކްރެޓްސްގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަލީ އާޒިމް ނިޒާމީ ނުކުތާއެއް ނަންގަވައި ވިދާޅުވީ މަޖިލީހަށް ބަޖެޓު ހުށަހެޅުއްވުމަށް ގަސްތުގައި އަމީރު ވަޑައިނުގެންނެވުމުގެ ސަބަބުން އޭނާ ހުންނެވީ މަޖިލީހުގެ އިމްތިޔާޒަށް އަރާވަޑައިގެން ކަމަށެވެ.
އާޒިމްގެ އިތުރުން އެހެން ޑިމޮކްރެޓުންވަނީ މަޖިލީހުގައި ކޮޅަށް ތެދުވެވަޑައިގެން ނުރުން ފާޅުކުރައްވައި އިހުތިޖާޖުކުރައްވާފައެވެ.