ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް އިއްވި ޖަލު ހުކުމްތަކުގެ އިސްތިއުނާފު މައްސަލާގައި ދެން އޮންނާނީ މި މައްސަލާގައި ފަހު ބަސް އިއްވުން ކަމަށް ހައި ކޯޓުން ބުނެފިއެވެ.
ޔާމީނާއި ޔޫސުފް ނައީމްގެ މައްޗަށް ހުކުމް އިއްވީ، ޔާމީންގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން ވ. އަތޮޅު އާރަށް ކުއްޔަށް ދޫކުރުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގަ އެވެ.
އެ މުއާމަލާތުގައި، ޔާމީން 1.1 މިލިއަން ޑޮލަރުގެ ރިޝްވަތު ނަންގަވައި އެ ފައިސާ ލޯންޑަކުރެއްވި ކަމުގެ ތުހުމަތުގައި އުފުލި ދައުވާތައް ސާބިތުވާ ކަމަށް ކަނޑައެޅުމަށް ފަހު އަދަބެއްގެ ގޮތުގައި ކްރިމިނަލް ކޯޓުން އިއްވީ 11 އަހަރުގެ ޖަލު ހުކުމެކެވެ. އަދި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ހުކުމެކެވެ.
ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާ އެވެ. އޭނާ ތިން އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރި އެވެ.
މި މައްސަލަ މި ދެބޭފުޅުންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާއިރު، އިސްތިއުނާފުގެ ޝަރީއަތުގައި މިދިޔަ ދެ ދުވަހު ވެސް ކުރިޔަށް ދިޔައީ ދަށު ކޯޓުގައި ޝަރީއަތް ހިނގައިދިޔަ ގޮތް ސާފު ކުރުމުގެ ގޮތުން ހައި ކޯޓުގައި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ސުވާލުތައް ކުރުމާއި މައްސަލައިގެ ހަސްމުން އެ ސުވާލުތަކަށް ޖަވާބު ދިނުމެވެ.
އިއްޔެގެ އަޑުއެހުން ނިންމާލައްވަމުން ފަނޑިޔާރުންގެ ބެންޗުން އަންގާފައި ވަނީ ދެން އޮންނާނީ އިސްތިއުނާފުގެ ކޮންމެ ގަޒިއްޔާއަކަށް ކޮންމެ ހަސްމަކަށް ފަހު ބަސް ބުނަން ފުރުސަތު ދިނުން ކަމަށެވެ.
އެގޮތުން ގާޒީ ވިދާޅުވީ ކޮންމެ ހަސްމަކަށް 30 މިނެޓުގެ ފުރުސަތެއް ދެއްވާނެ ކަމަށެވެ. އަދި މަނީ ލޯންޑަރިންގެ ގަޒިއްޔާއަށް ކޮންމެ ހަސްމަކަށް އެއް ގަޑިއިރުގެ ފުރުސަތެއް ދެއްވާނެ ކަމަށެވެ.