ޚަބަރުސިޔާސީ

ގާކޮށްޓާއި އަރަބިއްޔާ ފުލެޓްތަކުގެ އަގު ބޮޑުކުރީ މުއިއްޒު: އަކްރަމް

ގާކޮށްޓާއި އަރަބިއްޔާ ފުލެޓްތަކުގެ އަގު ބޮޑުކުރީ ހައުސިން މިނިސްޓަރު ކަމުގައި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ހުންނަވައިގެން ހެއްދެވި ޑީލެއްގެ ސަބަބުން ކަމަށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިހެން ވިދާޅުވެފައިވަނީ ’އެކްސް’ގައި އަކްރަމް ކުރެއްވި ޓްވީޓެއްގައެވެ.

އިންޑިއާގެ ޓާޓާ ކުންފުންޏަށް ދީގެން ހެދި އެ ފްލެޓްތަކުގެ އަގަކީ ސޯޝަލް ހައުސިންއަށް އެކަށީގެންވާ ވަރަށް ވުރެ ބޮޑު އަގެއް ކަމަށާއި، އެ ފްލެޓް ގަންނަން މީހުން ނެގި ލޯނުތައް ދައްކަން ފަސޭހަ ގޮތެއް ހަމަޖައްސައި، ފްލެޓަށް ދައްކަން ޖެހޭ އަގު ކުޑަކުރުމަށް ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި މުއިއްޒު ވަނީ މިފަހުން ވިދާޅުވެފައެވެ..

https://twitter.com/AliIbra713/status/1704346225406038294

މުއިއްޒުގެ އެ ވާހަކަތަކަށް ފާޑުވިދާޅުވެ، ރައީސް އިބްރާހިމް ވިދާޅުވީ ގާކޮއްޓާއި އަރަބިއްޔާގެ ފްލެޓްތަކުގެ އަގު ބޮޑުކަމަށް މުއިއްޒު މިހާރު ވިދާޅުވާއިރު، އެ އަގުތައް ކަނޑައެޅުއްވި ބޭފުޅަކީ އެއީ ކަމަށެވެ.

”ބަލަ އޭގެ އަގު، ކުލި ކަނޑައެޅީ ކޮން ބޭފުޅެއްތޯ؟ ހައުސިން މިނިސްޓަރަކަށް ހުންނަވައިގެން އެކަން ކުރެއްވި ބޭފުޅަކީ އެއީ. އަޅުގަނޑުމެން ކުރީ ސަރުކާރުން ކަނޑައަޅާފައިވާ އަގަށްވުރެ އެތައް ގުނައެއް ބޮޑުކޮށް ގާކޮއްޓާއި އަރަބިއްޔާގެ ފްލެޓްތަކުގެ އަގު ކަނޑައެޅީ ހަމަ އެ ބޭފުޅުން. މިއަދު އެ ދޮގުތައް ހަނދަމުން ދާއިރު އަޅުގަނޑުމެން ވިސްނަންވާނެ،“ ރައީސް އިބްރާހީމް ވިދާޅުވިއެވެ.

ޑރ. މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި އެ އަގަކީ ސަރުކާރުން އެތަނަށް ކުރަންޖެހުނު ހަރަދާ އަޅާބަލާއިރު ބޮޑު އަގެއް ނޫނެވެ. އެއަށް ރައްދު ދެއްވައި އަކްރަމް ވިދާޅުވެފައިވެއެވެ ”މިފަދަ އޮޅުވާލުންތަކާ އެކު ވޯޓް ހޯއްދަވަން ރައްޔިތުން ގުނބޯ ހެއްދުމަކީ ހިތާމަ ހުރިކަމެއް. ބޮޑު އިންޓްރަސްޓްގައި ލޯނު ނަގައިގެން އެ ތަންތަނަށް މީހުން ވަނީ ބޯހިޔާވަހިކަން ލިބޭނެ އެހެން ގޮތެއް ނެތިގެން. އެ މީހުންނަށް ވާނީ މި ސަރުކާރުން ލުޔެއް ހޯދައިދީފަ.“

އަކްރަމް ތުހުމަތުކުރެއްވި ގޮތުގައި ފްލެޓްތަކުގެ ހަރަދު ބޮޑުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރަށް ފަހު މުއިއްޒު ހަވާލުވެ ވަޑައިގެން އެ ޕްރޮޖެކްޓް މަސައްކަތް އެތައް ދުވަހަކަށް ހުއްޓާލާފައި އޮތުމަށް ފަހު ހެދި ޑީލަކުން އަލުން ފެށުމުން ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button