ޚަބަރުސިޔާސީ

ވަންދޫ ރަށްގިރުމުގެ މައްސަލައިގެ އިތުރުން ތައުލީމާއި، ކުޅިވަރާއި، ޒުވާނުންނާއި، އާމްދަނީގެ ދާއިރާ ތަރައްގީކުރަން ރައީސް ނިންމަވައިފި

ތ.ވަންދޫ ރަށްގިރުމުގެ މައްސަލައިގެ އިތުރުން ތައުލީމާއި، ކުޅިވަރާއި، ޒުވާނުންނާއި، އާމްދަނީގެ ދާއިރާ ތަރައްގީކުރަން ރައީސް ޑރ.މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

އެމަނިކުފާނު ވަނީ ދާދިދެންމެއަކު ވަންދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި މިކަން ހާމަކުރައްވާފައެވެ.

ރައީސް ވިދާޅުވިގޮތުގައި ވަންދޫގެ ރައްޔިތުން އެދިފައިވާގޮތަށް އެރަށުގެ ރަށްގިރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ސަރުކާރުން ހޯދާނެއެވެ. އެކަމުގައި މުއްދަތެއް ހިނގާފާނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ކަންކަން ހައްލުކުރެވޭނީ އެކަމަށް ބޭނުންވާ ހުރިހާ ކަންކަމެއް ފުރިހަމަކުރުމަށްފަހު ކަމުގައެވެ. އަދި އެރަށުގެ ފެނާއި ނަރުދަމާގެ ހިދުމަތުގެ ކަންކަން ދެމެހެއްޓެނިވިގޮތެއްގައި ބެލެހެއްޓިގެން ކުރިއަށް ގެންދެވޭނެ މަގަށް ކަންކަން ބައްޓަންކޮށްދެއްވާނެކަން ރައީސް ފާހަގަކުރެއްވިއެވެ.

”ޒުވާނުން ބޭނުންވާ ފުޓްސަލްދަނޑުގެ މަސައްކަތްވެސް ހިނގާނެ. މިރަށުގަ ކުޅިވަރުގެ އެކި ވަސީލަތްތައް ގާއިމްކުރެވިގެންދާއިރު ސްޕޯޓްސް އަށް ހާއްސަ މިނިސްޓްރީއެއް އަޅުގަނޑުމެން އުފެއްދީވެސް ދުޅަހެޔޮ މުޖުތަމައެއް ބިނާކޮށް، ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް.“ ރައީސް ވިދާޅުވިއެވެ.

އާމްދަނީ އިތުރުކުރުމުގެ ގޮތުން ކައުންސިލްތަކަށް އޮންނަ އިހުތިސާސު ފުޅާކޮށް، އެ ސަރަހައްދެއްގައި އޮންނަ ފަޅުރަށެއްގައި ރަށުގެ އާއިލަތަކަށް ހާއްސަ ހަރަކާތްތަކެއް ހިންގޭގޮތަށް ސަރުކާރުން ގެންގުޅޭ ސިޔާސަތު ފާހަގަކުރައްވައި ރައީސް ވަނީ، ފަޅުރަށެއް ހޯދައިގެން އާމްދަނީ ހޯދުމުގެ ހައްގު ވަންދޫ ރައްޔިތުންނަށް ތަފާތުކުރުމެެއްނެތި ކައުންސިލުން ގެންގޮސްދެއްވުމަށް އެދިވަޑައިގެންފައެވެ.

”ވަކި އިންވެސްޓަރަކަށް ނުދެވޭނެ. އެރަށުން ލިބޭ މަންފާއަކީ ރަށު ރައްޔިތުންގެ އެއްޗަކަށް ހައްދަވާ. އަމިއްލަ ބާރުވެރިކަން ލިބުމަކީ ހަގީގީ ކުރިއެރުން. އަމިއްލަ ފައިމައްޗަށް ޒުވާނުން ތެދެވެ އާމްދަނީ އިތުރުކުރުމުގެ ޖާގަ ފުޅާކުރެވިގެންދާނެ. “ ރައީސް ވިދާޅުވިއެވެ.

ސްކޫލްގެ ޖާގަ އިތުރުކޮށް ރަށުގައި ތިބެގެން ދަރިވަރުންނަށް ފެންވަރު ރަނގަޅު މާހައުލެއްގައި އުނގެނުމުގެ ފުރުސަތު ފަހިކޮށްދެއްވާނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެ ކަމުގައެވެ.

ރައީސް ވަނީ ވަންދޫ ރައްޔިތުން އެމަނިކުފާނަށް ކީ ހޫނު މަރުހަބާއަށް ވަރަށް ބޮޑަށް ޝުކުރު ދަަންނަވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button