
ވަޒީފާ ގެއްލިދާނެކަމުގެ ބިރުވެރިކަމުގައި ތިބި އެންމެހާ ފަރާތްތައް އެ ބިރު ކަނޑައިލާ އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެމްޕެއިނަށް ނިކުތުމަށް އެ ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ދައުވަތު ދެއްވައިފިއެވެ.
ޑރ. މުއިއްޒު އެ ފަރާތްތަކަށް މިފަދައިން ދައުވަތު ދެއްވާފައިވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް އަތޮޅުތެރެއަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އއ. ފެރިދޫއަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
އެރަށުގައި ވާހަކަ ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ މުޅި ރާއްޖޭގެ ތަރައްގީއަށްޓަކައި ރައްޔިތުން އެއް ވިސްނުމަކަށް އަންނަންޖެހޭކަމަށާއި ރަނގަޅު ނަތީޖާއެއް ނެރެދެވޭނީ އޭރުންކަމަށެވެ.
”އަޅުގަނޑުމެން މިތިބީ ރަނގަޅު ނަތީޖާ ނެރެދޭން އައިސް، ކުރިން ރައީސް ޔާމީންގެ ފަސް އަހަރުގެ ވެރިކަމުގެ ކަންކަންވީ ގޮތް ފެނިފައި ހުންނާނީ، އެހެންވީމާ އެގޮތުގައި ކުރިއަށްދާން ހިނގާ، ރައްޔިތުންނަށް ނަތީޖާ ނެރެދޭނަން“ ޑރ. މުއިއްޒު ވިދާޅުވިއެވެ.
ޑރ. މުއިއްޒު ވިދާޅުވީ ވަޒީފތަކުގައި ތިބި ފަރާތްތައް އެ ބިރު ދޫކޮށްލަން ޖެހޭކަމަށާއި ޕީޕީއެމް ޕީއެންސީގެ ކެމްޕެއިނަށް ނިކުތުމުގެ ސަބަބުން ވަޒީފާ ގެއްލިއްޖެ ނަމަ އެ ވަޒީފާއެއް އަނބުރާ އިޔާދަކޮށްދެއްވާނެކަމަށެވެ.
”އެ ބިރު ދޫކޮށްލަން އެބަ ޖެހޭ، ތަކުރާރުކޮށް މި ދަންނަވަނީ އެއްވެސް ވަޒީފާއަކުން ސިޔާސީ މަގާމެއް ފިޔަވާ ވަތްކެއް ނުކުރާނަން، މިސާލަކަށް ތިބޭފުޅުން މި ނިކުމެވަޑައިގަތީ ބާކީ މި އޮތް 15 ދުވަހު ކެމްޕެއިނަށް އަޅުގަނޑުމެންނާ އެކީގައި، ވަކި ކުރީ މިސާލަކަށް، އެހެންވެއްޖެއްޔާ އަޅުގަނޑުމެން އައިސް އަނބުރާ އެ ވަޒީފާ އިޔާދަކޮށްދޭނަން، ހަމަ އެއްކޮށް ބިރު ދޫކޮށްލަންވީ“ މުވައްޒަފުން ކެމްޕެއިނަށް ނިކުތުމަށް ޑރ. މުއިއްޒު ވަނީ ހިތްވަރު ދެއްވާފައެވެ.
ފެރިދޫގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އެރަށުގެ ރައްޔިތުން އެދޭ ކަންކަމުގައި މަސައްކަތް ކޮށްދެވެން އޮތް އެންމެ ރަނގަޅަކަށް އޭނާގެ ވެރިކަމެއްގައި މަސައްކަތް ކޮށްދެއްވާނެކަމަށާއި އޭނާގެ ވެރިކަމެއްގައި ވަކިރަށެއްގެ ރައްޔިތުންނަށްވީތީ އެރަށަކަށް ވަކި ތަފާތު ގޮތެއް ހެދުމެއް ނޯންނާނެކަމަށެވެ.