
އާންމުންގެ މެދުގައި މަގުބޫލު ކަމެއް ހޯދި ދިވެހި އަމިއްލަ އުފެއްދުމެއް އަދި ސިޔާސީ ލަވައެއް ކަމުގައިވާ ”ފެލާލައިފި“ ލަވަ ގޭގައި ޖަހައިގެން ދަ ޑިމޮކްރެޓްސްގެ އިސް ބޭފުޅަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
”ބޮންތި“ އަށް އެނގިފައިވާގޮތުގައި ހައްޔަރުކޮށްފައިވަނީ ދަ ޑިމޮކްރެޓްސްގެ ދ.ކުޑަހުވަދޫ ކައުންސިލް މެންބަރު އަދި އެ ޕާޓީގެ އިންޓަރިމް ކޮމެޓީގެ މެންބަރު އަހުމަދު މައުރޫފެވެ. މައުރޫފު ރޭ ހައްޔަރުކުރީ ކުޑަހުވަދޫ އޭނާ ދިރިއުޅުއްވާ ގެއިންނެވެ.
މައުރޫފު ހައްޔަރުކޮށްގެން ގެއިން ގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް މި ނޫހަށް ވަނީ ލިބިފައެވެ.
އެ ވީޑިއޯއިން އެނގޭގޮތުގައި މައުރޫފު ހައްޔަރުކުރާ މަންޒަރު ނެގިޔަނުދިނުމަށް އެސްއޯ ފުލުހުން ފޯނުގައި އަތްއަޅަައި، ކޮށްޕައެވެ.
އަމިއްލަ ގޭގައި ސިޔާސީ ލަވައެއް ޖަހައިގެން ފަހުގެ ތާރީހެއްގައި މިއީ މީހަކު ހައްޔަރުކުރި ފުރަތަމަ ފަހަރެވެ.
ފެލާލައިފި ލަވަޔަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ނާކާމިޔާބީތަކާއި، ކޮރަޕްޝަން ކިޔައިދޭ ލަވައެއްކަން ފާހަގަކޮށްލެވެއެވެ. އެލަވަ ވުޖޫދުވެގެން އައީ އިދިކޮޅު ޕީޕީއެމްގެ ތެރެއިން ކަމަށްވާއިރު، ޑިމޮކްރެޓްސް އާއި ޕީޕީއެމުން އަންނަނީ ސިޔާސީގޮތުން އެއްބަސްވެވޭ ކަންކަމުގައި އެކުގައި މަސައްކަތް ކުރަމުންނެވެ. އެކަންކަމުގެ ތެރޭގައި ރައީސް ސޯލިހު ނޫން ގޮތެއް އަންނަ ރިޔާސީ އިންތިހާބުގައި ހޯދުން ހިމެނެއެވެ.