ޚަބަރުސިޔާސީ

އަތޮޅު ކައުންސިލެއްގެ ރައީސަކަށް، ފުރަތަމަ ފަހަރަށް އަންހެން ބޭފުޅަކު އިންތިހާބުކޮށްފި

ރާއްޖޭގައި ލާމަރުކަޒީ ނިޒާމަށް އަމަލުކުރަން ފެށި ފަހުން  އަތޮޅު ކައުންސިލެއްގެ ރައީސަކަށް ފުރަތަމަ ފަހަރަށް އަންހެން ބޭފުޅަކު  އިންތިހާބުކޮށްފިއެވެ.

 

ފ. އަތޮޅު ކައުންސިލްގެ ރައީސަކަށް މިއަދު އިންތިހާބުކޮށްފައި ވަނީ ފ. ނިލަންދޫ، ފޮނިލުނބޯގެ، ހައްވާ އަބްދުލް އަޒީޒެވެ. އޭނާ ވާދަކުރެއްވީ ސަރުކާރުގެ ފަރާތުން ޕީއެންސީގެ ޓިކެޓްގައެވެ.

 

އަތޮޅު ކައުންސިލެއްގެ ރައީސަކަށް އަންހެން ބޭފުޅަކު އިންތިހާބުވި މީ ފުރަތަމަ ފަހަރުކަން، ލޯކަލް ގަވަނެންސް މިނިސްޓަރު އާދަމް ޝަރީފް ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.

 

ހައްވަ އަކީ ފ. އަތޮޅު ކައުންސިލްގެ އިދާރީ އެކި މަސައްކަތްތަކުގެ ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވި ބޭފުޅެކެވެ. ފ. އަތޮޅު ކައުންސިލް އުފެއްދުމުގެ ވެސް ކުރިން އެ އަތޮޅު އޮފީހުގައި 2000 ވަނަ އަހަރުން ފެށިގެން އޭނާ އައީ މަސައްކަތް ކުރައްވަމުންނެވެ.

ފ. އަތޮޅު ކައުންސިލްގެ ރައީސަކަށް އިންތިހާބުކުރި ހައްވާ އަބްދުލް އަޒީޒް.

ފ. އަތޮޅު ކައުންސިލްގެ ރައީސްގެ ހުސްވެފައިވާ ގޮނޑިއަށް ބޭފުޅަކު އިންތިހާބު ކުރުމަށް މިއަދު ބޭއްވި ބައި އިލެކްޝަންގައި ހައްވައާ ވާދަކުރެއްވީ، އެމްޑީޕީގެ ޓިކެޓުގައި ނިލަންދޫ، އަޒުމް، އިބްރާހިމް ހަލީލެވެ.

މިއަދުގެ ބައި އިލެކްޝަންގައި ހައްވައަށް ލިބުނީ 941 ވޯޓެވެ. އިބްރާހިމް ހަލީލަށް ލިބިފައިވަނީ 888 ވޯޓެވެ.

ފ. އަތޮޅު ކައުންސިލްގެ އިތުރުން މިއަދު ވަނީ ވ. ފެލިދޫ ކައުންސިލްގެ ރައީސާއި ރ. ރަސްގަތީމުގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި އިލެކްޝަންގެ ވޯޓުލުން ވެސް ބާއްވައިފައެވެ.

ފެލިދޫ ކައުންސިލް ރައީސްގެ ގޮނޑި ވެސް ކާމިޔާބުކުރީ ޕީއެންސީގެ ކެންޑިޑޭޓެވެ. ރަސްގެތީމުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ގޮނޑި ލިބުނީ އެމްޑީޕީގެ ކެންޑިޑޭޓަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button