ޚަބަރުސިޔާސީ

ފްލެޓްތަކަށް ޝަރުތު ހަމަވެ، އިތުރު މައްސަލައެއް ނެތް މީހުންގެ ލިސްޓެއް އޭސީސީން ހައުސިން މިނިސްޓްރީއަށް ފޮނުވައިފި

ގެދޮރުވެރިޔާ ސްކީމުގެ ފްލެޓްތަކަށް ޝަރުތު ހަމަވެ، އެއްވެސް އިތުރު މައްސަލައެއް ނެތް މީހުންގެ ނަންތައް ހިމެނޭ ލިސްޓެއް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހައުސިން މިނިސްޓްރީއަށް ފޮނުވައިފިއެވެ.

ހައުސިން މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ”ގެދޮރުވެރިޔާ ސްކީމް“ގެ ދަށުން މާލެ ސަރަހައްދުން ދޫކުރުމަށް ކަނޑައަޅާފައިވާ ފްލެޓުތަކާއި ގުޅޭ ގޮތުން އެންޓިކޮރަޕްޝަން ކޮމިޝަންއިން ތަހުގީގުކޮށް ބެލި ބެލުމުން ޝަރުތު ހަމަވެ އިތުރު މައްސަލައެއް ހުރިކަން ފާހަގަވެފައި ނުވާ ފޯމުތަކުގެ ލިސްޓެއް މި މަހުގެ 8 ވަނަ ދުވަހު އެ މިނިސްޓްރީއަށް އޭސީސީން ފޮނުވާފައިވާ ކަމަށެވެ.

އޭސީސީން ފޮނުވާފައިވާ ލިސްޓުގައި ހިމެނޭ ފޯމުތަކަކީ ހަމައެކަނި ތަހްގީގުގެ ބޭނުމަށް ހޯދާފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ ލިސްޓެއް ކަމުގައިވާތީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބޭ ފަރާތްތައް ކަނޑައެޅުމުގެ އިންތިޒާމުތައް އެ މިނިސްޓްރީން ކުރަމުން ދާކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

ކުރީ ސަރުކާރުން މާލެ ސަރަހައްދުގައި 4،000 ހައުސިން ޔުނިޓުގެ މަސައްކަތް ފެށުމަށް ފަހު ރިޔާސީ އިންތިޚާބާ ދިމާކޮށް ހުޅުވައިލި ގެދޮރުވެރިޔާ ސްކީމުގެ ދަށުން 9،000 އެއްހައި ފުލެޓު ދޫކުރަން ލިސްޓެއް އެކުލަވައިލާ އާންމުކުރިއެވެ.

އެ ލިސްޓުގެ ތެރެއިން މިހާރު ބިނާ ކުރަމުންދާ 4،000 ފުލެޓު ލިބޭނެ ފަރާތްތައް ކަނޑައަޅައި އިއުލާނުކުރީ ރިޔާސީ އިންތިޚާބު ނިމުމަށްފަހު އިންތިޤާލީ މަރުހަލާގައެވެ.

އެ ލިސްޓުގައި މައްސަލަތަކެއް ހުރިކަމަށް ބުނެ އެކި ފަރާތްތަކުން ކުރި ޝަކުވާތަކާ ގުޅިގެން އޭސީސީން އެ މައްސަލަ ތަހުގީގުކުރުމުގެ ތެރެއިން ބެކްއެންޑަށް ވަދެ ބައެއް ފޯމުތަކުގައި ހުރި މައުލޫމާތުތައް ބަދަލުކޮށްފައި ވާކަމަށް އެ ކޮމިޝަނަށް ފާހަގަވެފައިވާކަމަށް ކޮމިޝަނުން ބުންޏެވެ. އަދި ތަހުގީގު ނިމެންދެން ފުލެޓު ހަވާލުކުރުން މަޑުޖައްސާލަން ކޮމިޝަނުން ވަނީ  އަންގާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button