ޚަބަރު

މޯލްޑިވްސް ޒަކާތު ހައުސްގެ ނަމުގައި ވަކި އިދާރާއެއް އުފައްދަނީ

މޯލްޑިވްސް ޒަކާތު ހައުސްގެ ނަމުގައި ވަކި އިދާރާއެއް އުފަައްދަން ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއި އެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ރައީސް އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވީ، އެ ވުޒާރާގެ ދަށުން ވަކި އިދާރާއެއްގެ ގޮތަށް ބަދަލު ކުރުމަށް ނިންމުމާއެކު އެތަނަކީ ހާއްސަ މުސްތަގިއްލު އިދާރާއެއްގެ ގޮތުގައި ގާއިމް ކުރެވިގެންދާނެ ކަމަށެވެ.

ވަކި އިދާރާއެއްގެ ގޮތުގައި ގާއިމް ކުރުމުގެ ބޭނުމަކީ ޒަކާތުގެ ގޮތުގައި މިހާރު އެކި ފަރާތްތަކުން ދައްކާ މިންވަރު އިތުރު ކުރުން ކަމަށް ވިދާޅުވިއެވެ. މިގޮތުން ޒަކާތުން ލިބޭ މިންވަރު ޑަބަލް ކުރުމާއި، ހޭލުންތެރިކަން އިތުރު ކުރުމުގެ ތެރެއިން ޒަކާތް ދައްކާ ފަރާތްތައް އިތުރުކޮށް، އޭގެ ނަފާ ޒަކާތް ހައްގުވާ ފަރާތްތަކަށް ފުޅާ ދާއިރާއެއްގައި ފޯރުކޮށްދިނުން ހިމެނޭ ކަަމަށް ފިރުޒުލް ވިދާޅުވިއެވެ.

”ޒަކާތުން ކުރެވޭ ހޭދައަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ބެހެނިވެރިންނަށް ވަކި ހާއްސަ ގޮތަކަށް ބެހިގެންދާން ޖެހޭ މިންވަރެއް، އެ މަސައްކަތުގެ ތެރެއިން، ޒަކާތުގެ ތެރެއިން ހޯދޭ މިންވަރު އިތުރުކޮށް، އެއާއެކު އެ މިންވަރުގެ ތެރެއިން ކުރެވޭ މަސައްކަތުގެ ތެރެއިން މިއަދު ޒަކާތް ލިބިގަންނަ މީހެއްގެ ގޮތުގައި ހުންނަ މީހާ މާދަމާ ޒަކާތް ނެރޭ މީހަކަށް، މާނައަކީ މިއަދު ނިކަމެތި ހާލަތުގެ ސަބަބުން ޒަކާތް ލިބިގަންނަ މީހާ މާދަމާ އޭނާއަކީ ފުދުންތެރި މީހާކަށް ހަދާ، އޭނާ ޒަކާތް ނެރޭ މީހަކަށް ބަދަލު ކުރުމުގެ ތަސައްވަރަށް މަސައްކަތް ކުރުމަށް މި ހާއްސަ އިދާރާއެއްގެ ގޮތުގައި މޯލްޑިވްސް ޒަކާތު ހައުސް ގާއިމް ކުރުމުގެ މަަސައްކަތް ކުރެވިގެން ދެނީ،“. ފިރުޒުލް ވިދާޅުވިއެވެ.

ޒަކާތް ހައުސް އެފެދުމުން ނިޒާމީ ސިޔާސަތުގެ ތެރެއަށް މަސައްކަތްތައް ގެނެވި، ނިޒާމީ ގޮތެއްގައި ރާއްޖޭގެ ފަގީރު ކަމުގެ ހާލަތު އޮތް މިންވަރު ނައްތާލުމަށް ކުރެވޭ މަސައްކަތްތަކަށް އަމާޒު ހިފިގެން އެ މަސައްކަތްތައް ބަދަލު ކުރެވިގެން ދާނެ ކަމަށްވެސް ފިރުޒުލް ވިދާޅުވިއެވެ.
މީގެ ކުރިން ޒަކާތުގެ ކަންތައް ކުރަމުން ގޮސްފައި ވަނީ އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާގެ ދަށުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button