ޚަބަރުސިޔާސީ

ދިވެހިރާއްޖޭގެ އިޤްތިޞާދު މިހާރު ހުރީ ރަނގަޅު މިސްރާބަށް!

ދިވެހިރާއްޖޭގެ އިޤްތިޞާދު މިހާރު ހުރީ ރަނގަޅު މިސްރާބަށް ކަމުގައި ވޯލްޑް ބޭންކާއި އައިއެމްއެފްއިން ވިދާޅުވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުއިއްޒު މިހެން ވިދާޅުވީ ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ދިޔަމިގިލީ ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ރާއްޖޭގެ އިޤްތިޞާދު ރަނގަޅުކުރުމަށް ވަރަށްބޮޑު ބުރަ މަސައްކަތްތަކެއް ފަށާފައިވާކަން ފާހަގަކުރައްވާ ވިދާޅުވީ ރާއްޖެއަށް އަންނަ، ކަމާގުޅޭ ބައިނަލްއަޤްވާމީ އެކިއެކި އިދާރާތަކުން ވެސް އެކަން ބަލައިގަންނަ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ރިޔާސީ ކެމްޕެއިންގައި އެމަނިކުފާނު ހުށަހެޅުއްވި އިޤްތިޞާދީ މެނިފެސްޓޯ ރައްޔިތުން ވެސް ވަނީ ބަލައިގެންފައެވެ.

ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ އެމަނިކުފާނު ދާދިފަހުން އައިއެމްއެފް އަދި ވަރލްޑް ބޭންކުގެ ބޭފުޅުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުން ތަކުގައި ރާއްޖެއިން އިސްނަގައިގެން ހުށަހަޅާފައި ހުރި އިޤްތިޞާދީ ހުރިހާ ކަމެއް، އެއީ ރާއްޖޭގައި މިހާރު މި އޮތް އިޤްތިޞާދީ ހާލަތުން އަރައިގަތުމަށް އޮތް ހައްލުކަމުގައި ބަލައިގަންނަކަމަށާއި، އަދި އެކަމަށް އެބޭފުޅުން އެއްބާރުލެއްވުން ދެއްވާނެކަމަށް ވިދާޅުވެފައި ވާކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button