
ދިވެހިރާއްޖޭގެ ހައިޑްރޯގްރަފީގެ މަސައްކަތް މީގެ ފަހުން ކުރާނީ ދިވެހިރާއްޖޭގެ ދިފާޢީބާރުން ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ކޮޅުމަޑުލަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވޭމަންޑޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ދިވެހިރާއްޖޭގެ ކަނޑުގެ އަޑި މެޕްކޮށް ސްކޭންކުރުމަށް ބޭނުންވާ ފަންނީ އާލާތްތައް ރާއްޖޭގެ ދިފާޢީ ބާރަށް ހޯއްދަވައި ދެއްވުމުގެ މަސައްކަތް ފަށްޓަވާފައިވާ ކަމަށެވެ. މިގޮތުން ދިފާޢީބާރަށް މިމަސައްކަތް ކުރުމަށް ބޭނުންވާ ބަޖެޓް ފިނޭންސް މިނިސްޓްރީން މިހާރު ހަމަޖެއްސުމުގެ މަސައްކަތް ފަށްޓަވާފައި ވާކަމަށް ވިދާޅުވިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު، ދިވެހިރާއްޖެއާއި އިންޑިއާއާއި ދެމެދު ވެފައި އޮތް ހައިޑްރޯގްރަފީ އެއްބަސްވުން ކުރިއަށް ނުގެންދިއުމަށް ވަނީ ނިންމަަވާފައެވެ.
ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދާއި ވައިގެ ސަރަހައްދު ބެލެހެއްޓުމުގެ ފޯރުންތެރިކަން ދިވެހިރާއްޖޭގެ ދިފާޢީ ބާރަށް ހޯއްދަވައި ދެއްވުމަށް އެމަނިކުފާނު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި ދިވެހި ޤައުމުގެ ސަރަހައްދީ އިމުގެ އެތެރެ ބަަލަހައްޓަން ޖެހޭނީ ދިވެހިން ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި ބޭރުގެ ބަޔަކު އައިސް ރާއްޖޭގެ ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ސަަރަހައްދު ބަލަހައްޓަން ނުޖެހޭނެ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވިއެވެ. ރިޔާސީ ބަޔާން އިއްވަމުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު ދިވެހިން ބަލަހައްޓާ ވާހަކަ އެމަނިކުފާނު ދެއްކުުމުން އެކަމަށް ފާޑުކިޔައި ޖޯކުޖެހީ ދިވެހިރާއްޖެއަށް ހެޔޮގޮތް އެދޭ ބައެއްނޫން ކަމުގައި ރައީސް ވިދާޅުވިއެވެ.