ޚަބަރުސިޔާސީ

ފައިރޫއާއެކު ޒުވާނުން ގޮވައިގެން މި ނިކުތީ އިސްލާހީ މަސައްކަތަށް: އިޒްވާން

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ޕީޕީއެމް ޕީއެންސީ ޕްރައިމަރީގައި ހިންނަވަރު ދާއިރާއަށް ވާދަކުރައްވާ ހުސައިން ފައިރޫޒުގެ ކެމްޕެއިން މެނޭޖަރަކަށް އިޒުވާން އަހުމަދު ހަމަޖައްސައިފިއެވެ.

”ބޮންތި“ އަށް މައުލޫމާތު ދެމުން ފައިރޫޒުގެ ކެމްޕެއިން ޓީމުން ބުނީ އިޒުވާން އެ މަގާމަށް ހަމަޖެއްސީ ފައިރޫޒުގެ ކެންޑިޑޭސީ ފޯމު މިއަދު ޕީއެންސީ އޮފީހަށް ހުށަހެޅުމަށްފަހު ކަމުގައެވެ. އަދި އިޒުވާން ފަދަ ޒުވާން ތައުލީމީ ބޭފުޅަކު ފައިރޫގެ ކެމްޕެއިން ޓީމާއެކު މަސައްކަތް ކުރުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްގެ ފާހަގަކުރިއެވެ.

ނިމުނު ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޒުވާނުންނަށް އިޒުވާންގެ ވަރަށްބޮޑު ސަޕޯޓެއް ލިބިފައިވާއިރު، އޭނާ ވަނީ ސީދާ ދާއިރާގެ އެމްޑީޕީގެ ޒުވާނުން ގޮވައިގެން ނިކުމެ ވަރުގަދަ ސިޔާސީ މަސައްކަތްތަކެއް ކުރައްވާފައެވެ. ހާއްސަގޮތެއްގައި ހިންނަވަރު ޒުވާން ވޯޓުލާ އާބާދީގެ މެދުގައި އިޒުވާނަކީ ހިންގުންތެރި ބޭފުޅެކެވެ.

ފައިރޫޒުގެ ކެމްޕެއިންގައި އިސްކޮށް މަސައްކަތް ކުރައްވަން ނިންމެވީ ކީއްވެތޯ އިޒުވާނާއި ”ބޮންތި“ އިން ސުވާލު ކުރުމުން އޭނާ ވިދާޅުވީ، ސިޔާސަތުތަކާއި ދާއިރާ އާއި ގުޅިފައި އޮތް މިންވަރާއި، އެ ސިޔާސަތުތައް ތަންފީޒުކުރާނެގޮތް ހަމައެކަނި ފެންނަ ތަސައްވުރެއް އޮތީ ފައިރޫޒުގެ ކަމުގައެވެ.

އެގޮތުން ސިޔާސީ ސަލާންޖެހުން ނިމުމަކަށް ގެނައުމާއި،
ހިންވަރުގެ ތަރައްގީއާއި ކުރިމަގު ބައްޓަން ކުރުމުގައި ސިޔާސީ ވަކި ފަރާތަކަށް ނުވަތަ އޭރެއްގައި ބާރުތައް ފުރޮޅޭ ބައެއްގެ ރުހުން ހޯދުމުގެ ނިޔަތުގައި ނުވަތަ އާދޭސްކޮށްގެން ސަލާންޖަހައިގެން ކަންކަން ކުރުމުގެ ސަގާފަތް ފައިރޫޒުގެ މެންބަރުކަމުގައި ނިމުމަކަށް ގެނައުމަކީ އިޒުވާނަށް އެންމެ ކަމުދާ އެއް ސިޔާސަތު ކަމުގައި އޭނާ ވިދާޅުވިއެވެ.

”ޒުވާނުން ގޮވައިގެން މި ނުކުތީ މިދާއިރާގެ ޒުވާނުންގެ ދިރިއުޅުން ކޮޅަށް ޖަހަން. އެކަން ކުރެވޭނީ ފައިރޫޒާއެކު.“ އިޒުވާން ވިދާޅުވިއެވެ.

ރައްޔިތުންނާއި މެންބަރާއި ދެމެދު ދާއިރާގެ ކުރިއެރުމާއި މުސްތަގުބަލާއި ގުޅޭ ކަންކަމުގައި މުއާމަލާތްކުރުމަށް އިތުރު މެދުވެރިޔަކު ހުރުމުގެ ޒަމާންވީ ބޭފުޅުކަމުގެ ވައްޓަފާޅި ފައިރޫޒުގެ މެންބަރުކަމުގެ ފުރަަތަމަ ދުވަހުން ފެށިގެން ނިމުމަކަށް ގެނައުމުގެ ސިޔާސަތަކީވެސް އިޒުވާން ގަބޫލު ކުރައްވާ ސިޔާސަތެއް ކަމަށާއި، ފައިރޫޒާއެކު އެ ސިޔާސަތުތައް ތަންފީޒު ކުރަން ބޭނުންވާކަން އޭނާ ފާހަގަކުރެއްވިއެވެ.

އިޒުވާން، ފައިރޫޒު ސިފަކުރެއްވީ، ނުގަނެވޭނެ އަދި ނުވިކޭނެ ޝަހުސިއްޔަތެއްގެ ގޮތުގައެވެ.

ޕީޕީއެމް ޕީއެންސީގެ ޕްރައިމަރީގައި މިމަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާއިރު، ގިނަ އަދަދެއްގެ ބައެއް އެއް ދާއިރާއަކަށް ވާދަކުރާކަން ފާހަގަކޮށްލެވެއެވެ.

One Comment

  1. އިޒުވާން އަކީ ވަރަށް ފުރިހަމަ ޝަޙްސިއްޔަތެއްގެ ވެރިއެއް. ހިންނަވަރުގެ ރައްޔިތުންނަށް ފަހި މާދަމާއެއް ފެންނާނެ ކަމުގެ އުންމީދު އާވެއްޖެ. ގުޑް ލަކް ފައިރޫ!

Leave a Reply

Your email address will not be published. Required fields are marked *

Back to top button