ޚަބަރު

ފުށިދިއްގަރު ފަޅު މަޝްރޫޢު، އިންތިހާބީ ސަރުކާރުން އަލުން އިއާދަކުރަނީ

ފުށިދިއްގަރު ފަޅު ހިއްކައިގެން ގެދޮރުވެރިކަން ފޯރުކޮށްދިނުމަކީ ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި 2018 ވަނަ އަހަރުގެ ޖުލައި މަހުގައި އިއުލާނުކުރެއްވި ހިޔާ އެކޮމްޕްލިޝްޑު މަޝްރޫޢެކެވެ. މި ސަރުކާރުން އެ މަޝްރޫޢު ހިންގުން ހުއްޓާލާފައިވަނިކޮށް، ޑރ.މުޢިއްޒުވަނީ އެމަނިކުފާނުގެ ސަރުކާރުގައި އެ މަޝްރޫޢު އަލުން އިއާދަކޮށް ހިންގަވަން އިއުލާނު ކުރައްވާފައެވެ.

2024ވަނަ އަހަރަށް ލަފާކުރާ ބަޖެޓަށް ބަލާއިރު މި މަޝްރޫޢު ހިންގުމަށް ދައުލަތުގެ ބަޖެޓުން ލޯނެއް ނުނަގައި އާމްދަނީގެ ތެރެއިން 400 މިލިއަން ރުފިޔާ އަންނަ އަހަރު ޚަރަދުކުރާނެއެވެ. އަދި 2025 ގައި 600 މިލިއަން ރުފިޔާ އަދި 2026 ގައި 350 މިލިއަން ރުފިޔާ އެ މަޝްރޫޢަށް ޚަރަދުކުރާނެކަމަށް ލަފާކޮށްފައިވެއެވެ.

އެ މަޝްރޫޢު އިއުލާނުކުރައްވަމުން ޑރ.މުޢިއްޒު ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ހަތަރު މަހެއްހާ ދުވަސް ތެރޭގައި ފަޅު ހިއްކުމުގެ އަމަލީ މަސައްކަތް ފައްޓަވާނެ ކަމަށާއި އެ މަޝްރޫޢު ނިމޭއިރު މާލެ ސަރަހައްދުން ގޯއްޗެއް ނުވަތަ ފުލެޓެއް ބޭނުންވާ ކޮންމެ މީހަކަށްވެސް އެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

ފުށިދިއްގަރުފަޅާއި، ގުޅިފަޅު އަދި ގިރާވަރުފަޅު ހިއްކައިގެން ހިންގުމަށް ނިންމާފައިވާ މި މަޝްރޫޢުގެ ދަށުން ގެދޮރު ބޭނުންވާ ފަރާތްތަކަށް ގެދޮރު ދޫކުރާނީ ފޯމު ހުށަހަޅަންނުޖެހޭ އިންތިޒާމެއްގެ ތެރެއިން ގެދޮރު ބޭނުންވާ ފަރާތްތައް ދެނެގަނެގެން ކަމަށް ޑރ.މުޢިއްޒު ވިދާޅުވެފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button