ޚަބަރުސިޔާސީ

ސްޕޯޓްސް ކޮމިޝަނަރު ދިރިއުޅޭ ގެ ކައިރިއަށް ބަޔަކު އެއްވެ އިސްތިއުފާއަށް ގޮވައިފި

ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލް ވެލެންސިއާ ކްލަބަށް ނޭނގި، އެ ކުލަބުގެ ބޯޑް ބަދަލުކޮށްފައިވާ ކަމަށް ބުނެ އޭނާ ދިރިއުޅޭ ގެ ކައިރިއަށް މިރޭ ބަޔަކު އެއްވެ އިސްތިއުފާ އަށް ގޮވައިފިއެވެ.

މާވެޔޮ މަގު މަރުހަބާ ފިހާރަ ކައިރީގައި ހުންނަ ސްޕޯޓްސް ކޮމިޝަނަރު ދިރިއުޅޭ ގެ ކައިރިއަށް އެއްވި މީހުންގެ ތެރޭގައި އިސްވެ ހުރީ ވެލެންސިއާގެ ކުރީގެ ބޯޑް މެންބަރު އަދި އެފްއޭއެމްގެ ހެޑް އޮފް މެއިންޓަނަންސް ހުސައިން ވަހީދު (ދޮނާ)އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމްއާ ވަރަށް ގާތްކޮށް ފެނަނަ ހުސައިން ވަހީދު މިރޭ، ބުނީ ތޮލާލް ދިރިއުޅޭ ގެކައިރި އަށް އެއްވީ ވެލެންސިއާގެ މެންބަރުންތަކެއް ކަމަށެވެ.

 

 

އޭނާ ބުނިގޮތުގައި ވެލެންސިއާގެ ބޯޑް ބަދަލު ކުރީ އެއްވެސް ބޯޑު މެންބަރަކަށް ނޭނގި ކަމަށެވެ. އެ ބަދަލު ގެނައުމުގައި އެންމެ އިސްކޮށް ހުރީ ވެލެންސިއާގެ މިހާރުގެ ޗެއާމަން އަބްދުﷲ އަޒްމީނާއި އެފްއޭއެމްގެ އިންތިހާބަށް ކުރިމަތިލެއްވި މަހިބަދޫ ދާއިރާގެ މަޖިލިސް މެންބަރު އަހްމަދު ތޯރިގް (ޓޮމް)ކަމަށް ވެސް ހުސައިން ތުހުމަތު ކުރިއެވެ. އަދި ކްލަބްގެ މެންބަރުންގެ އެއްވެސް ރުހުމަކާ ނުލައި އައްޔަން ކުރި ބޯޑް ތޮލާލް ރަޖިސްޓަރީ ކޮށްދީފައިވުމުން ވެލެންސިއާގެ މެންބަރުން ކަންބޮޑުވާ ކަމަށް އޭނާ ބުންޏެވެ.

 

”ކްލަބަށް ނޭނގި އަޒުމީނު އާއި ޓޮމް ތޮލާލްއާ ގުޅިގެން އެކަން ކުރީ. ތޮލާލް ވަނީ އެ ބޯޑް ރަޖިސްޓަރީކޮށް ދީފަ. ކްލަބަކަށް ނޭނގެ ބޯޑް ބަދަލު ކުރިކަމެއް. ކްލަބްގެ ނައިބު ރައީސްއަކަށް ނޭނގެ އެކަން ކުރި ކަމެއް. ”އަޅުގަނޑު ވެސް ބޯޑް މެންބަރަކަށް ހުރި އިރު އަޅުގަނޑަށް ވެސް ނޭނގި ބޯޑުން ވަކިކޮށް އެހެން ބަޔަކު ބޯޑަށް ލީ. ބޯޑްގެ އެހެން މެންބަރުނަކަށް ވެސް ނޭނގެ،“ ހުސައިން ވަހީދު ބުންޏެވެ.

 

ހުސައިން ވަހީދު އާއި އޭނާއާ އެކު އެއްވި މީހުން ވަނީ އަޒުމީނު އާއި ބޯޑަށް އަލުން އައްޔަން ކުރި މެންބަރު އަހްމަދު ޝަރީފް (މާޑޭ)ގެ ފޮޓޯ ހިފައިގެން ތިބެ އަޑުގަދަކޮށްފައެވެ. ފަހުން ފުލުހުން އެ ސަރަހައްދަށް އައުމުން އެ މީހުން އެ ތަން ދޫކޮށް ވަނީ ގޮސްފައެވެ.

 

މި މަހު ބާއްވަން އިއުލާން ކުރި އެފްއޭއެމްގެ އިންތިހާބަށް ކުރިމަތިލެއްވި ބައްސާމްގެ އެކްސްކޯ މެންބަރު މުފާވިޒު ހާޝިމް އާއި ތޯރިގަށް ވެސް ވެލެންސިއާއިން ތާއީދުކޮށްފައި ވުމުން، އެފްއޭއެމްގެ އިލެކްޓޯރަލް ކޮމިޓީން ވެލެންސިއާގެ ތާއީދުގެ ސިޓީތައް ވަނީ ބާތިލުކޮށްފައެވެ. އެއާ އެކު ތޯރިގުގެ ކެންޑިޑެސީ ސައްހަ ނޫން ކަމަށް ވަނީ ނިންމާފައެވެ.

އެ މައްސަލަ އިސްތިއުނާފު ކުރަން އޭނާ ހުށަހެޅި އިރު އެފްއޭއެމްގައި އިސްތިއުނާފް ކޮމިޓީއެއް ނެތެވެ. މިހާރު ފީފާއިން އަންގައިގެން އިންތިހާބުގެ މަސައްކަތް އެފްއޭއެމުން ވަނީ ހުއްޓާލާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button