ޚަބަރުސިޔާސީ

2024ގައި ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު 2 މިލިއަނަށް އިތުރުކުރާނަން: ޓުއަރިޒަމް މިނިސްޓަރު

އައު އަހަރު ސަރުކާރުގެ އަމާޒަކީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު 2 މިލިއަނަށް އިތުރުކުރުން ކަމަށާއި، އެކަމަށްޓަކައި އައު ބާޒާރުތަކުން ފަތުރުވެރިން ގެނައުމަށް އިސްކަންދޭނެކަމަށް ޓުއަރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެއެވެ.

ފައިސަލް ވިދާޅުވީ އައު އަހަރުގައި ފަތުރުވެރިކަމުގެ ދާއިރާއިން ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުން ކަމަށެވެ. އެކަމަށްޓަކައި ޓުއަރިޒަމް މިނިސްޓްރީއާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ) ގުޅިގެން މަސައްކަތްތަކެއް ކުރާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެގޮތުން ޚާއްޞަ ސަމާލުކަމެއްދީގެން ރަޝިޔާގެ ބާޒާރުން ފަތުރުވެރިން ރާއްޖެއަށް އަންނަ މިންވަރު އިތުރުކުރުމަށް ކުރެވެން ހުރި މަސައްކަތްތައް ޓުއަރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރުސީ ގުޅިގެން ކުރުމަށް ތައްޔާރުވަމުން ދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

”މިހާރު ރަޝިޔަން މާކެޓަކީ ރާއްޖޭގައި އެންމެ ލީޑިން އެއް މާކެޓު. އެހެންވީމާ ރަޝިޔަން މާކެޓަށް ފޯކަސްކޮށްގެން ވަރަށް ވަރުގަދަ މަސައްކަތްތަކެއް އަޅުގަނޑުމެން ކުރާނަން، އެމާކެޓުން އިތުރަށް ފަތުރުވެރިން ގެނެވޭނެ ގޮތްތަކެއް ހޯދުމަށް،“ ފައިސަލް ވިދާޅުވިއެވެ.

ފައިސަލް އިތުރަށް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދެ ސެގްމެންޓުކަމަށްވާ ރިސޯޓުތަކާއި ގެސްޓު ހައުސްތަކަށް ވެސް މާކެޓުކުރުމުގައި ހަމަހަމަ ފުރުސަތެއް ހޯދައިދެއްވާނެ ކަމަށެވެ. އަދި ހަމައެހެންމެ ފަތުރުވެރިންނާ ގުޅޭ ތަފާސްހިސާބުތައް އެއްކޮށް މާކެޓުތައް ދެނެގަނެ ފުޅާކުރުމަށް މަސައްކަތްކުރައްވާނެ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button