ލޭންޑިންގ ކްރާފްޓެއް ބަންޑުން ޖަހާލައިގެން ގެއްލުނު މީހާ އަދިވެސް ނުފެނޭ
ލޭންޑިންގ ކްރާފްޓެއް ބަންޑުން ޖަހާލައި، އެއިން ދަތުރުކުރި މީހަކު ގެއްލިގެން ހޯދަމުން ދާކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.
ބަންޑުންޖަހާލާފައި ވަނީ ”ލިއޯ ސަކްސެސް“ ނަމަކަށް ކިޔާ ލޭންޑިންގ ކްރާފްޓެކެވެ. މިހާދިސާ ހިންގަން މެދުވެރިވީ ލޭންޑިން ކްރާފްޓެއްގެ ބެޓެރި ފެއިލްވެ، ދިޔަވުމުގެ ސަބަބުން ބައްޑުން ޖަހާލައިގެންނެވެ.
މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ މިއަދު 12:50 ހާއިރުއެވެ.
ގދ.ފަރެސްމާތޮޑާއިން ފުރައިގެން ހަތަރު މީހުންނާއިއެކު އައްޑޫއަށް ދަތުރުކުރަމުންދިޔަ ލޭންޑިންގކްރާފްޓް ދިޔަވާން ފެށީ ގދ.ފަރެސްމާތޮޑާގެ އުތުރުން 14 ނޯޓިކަލް މޭލް ބޭރުންނެވެ. ދިޔަވެ ބަންޑުން ޖަހާލި ލޭންޑިންގކްރާފްޓުގައި ތިބި ފަޅުވެރިންގެ ތެރެއިން ތިން މީހުން ފުރަތަމަ ނަގާފައިވަނީ އެ ސަރަހައްދުން ދަތުރުކުރަމުންދިޔަ ”ސީ ވީޑް“ ނަމަކަށް ކިޔާ ދޯންޏަކަށެވެ.
އެ ލޭންޑިންގކްރާފްޓް ބަންޑުން ޖަހާލި ވަގުތު އެއިގައި ތިބީ ދެ ދިވެހިންނާ ދެ ބޭރުމީހުންނެވެ. އެއިގެ ތެރެއިން ގެއްލިގެން ހޯދަމުން ދަނީ ބޭރުމީހެކެވެ.
އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ހާބަރ ކްރާފްޓުގައި މި ތިން ފަޅުވެރިން މިއަދު 16:10 ހާއިރު ގދ.ވާދޫއަށް ގެންދެވިފައިވާއިރު، ހަތަރު ވަނަ ފަޅުވެރިޔާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް ”މާފަތް“ އަންނަނީ ކުރަމުންނެވެ.