ޚަބަރުސިޔާސީ

އީވާ ސަލާމުގައި، ޖަލްސާ ކެންސަލް!

ގަލޮޅު އުތުރު ދާއިރާގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަލާމުގައި ހުންނެވުމުން، މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރަން ހުށަހަޅާފައިވާ ގަރާރު ކުރިއަށް ގެންދަން މިއަދު ތާވަލުކުރި ޖަލްސާ ވެސް މަޖިލީހުގެ އިދާރާ އިން ކެންސަލް ކޮށްފިއެވެ.

މަޖިލީހުގެ ރައީސްކަމުގެ މަގާމުން ނަޝީދު ވަކިކުރަން އެމްޑީޕީގެ 49 މެންބަރުން ސޮއިކުރައްވައި ހުށަހަޅުއްވާފައިވާ އިތުބާރު ނެތްކަމުގެ ގަރާރުގެ 14 ދުވަހުގެ ނޯޓިސް ހަމަވެ، އެ ގަރާރު ހުށަހަޅަން ނޮވެންބަރު 29ގައި ވެސް ޖަލްސާއެއް ތާވަލުކުރިއެވެ. ނަމަވެސް ކުރީ ޖަލްސާ ފަދައިން، މިއަދު ވެސް އީވާ ސަލާމުގައި ހުންނެވުމުން، އެ ޖަލްސާ ބޭއްވެން ނެތް ކަމަށް މަޖިލީހުގެ އިދާރާ އިން ވަނީ މެންބަރުންނަށް އަންގަވާފައެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ހާލަތެއްގައި ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ނައިބު ރައީސެވެ. މަޖިލީހުގެ ނައިބު ރައީސް ވަޑައިނުގަންނަވާ ހާލަތެއްގައި އަމަލުކުރަންވީ ގޮތެއް ގަވާއިދުގައި އެނގެން ނެތްކަމަށްވެއެވެ.

ނަމަވެސް އީވާ އާލާސްކަންފުޅާ އުޅުއްވާކަން ގަބޫލުނުކުރައްވާ، އެމްޑީޕީގެ މެންބަރުން ވަނީ އީވާ ރިޔާސަތަށް ފިއްލެވީ ކަމަށް ވިދާޅުވެ ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައިފައެވެ.

ކޯޓަށް ހުށަހެޅިފައިވާ ދުސްތޫރީ މި މައްސަލާގައި މައިގަނޑު ގޮތެއްގައި އެދިފައިވަނީ:

1. މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ތާވަލުކުރާ ޖަލްސާއަށް ނައިބު ރައީސަށް ވަޑައިނުގެންނެވޭ ހާލަތުގައި، މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާ އަށް އަމަލު ކުރަންޖެހޭ ގޮތަށް މާނަކޮށްދިނުމަށް.

2. މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ގޮތެއް ނިންމުމަށްފަހު ނޫނީ މަޖިލީހުގެ އެހެން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް މާނަ ކޮށްދިނުން

އެމްޑީޕީގެ ގާނޫނީ ޓީމުން ވިދާޅުވާ ގޮތުގައި މަޖިލީހުގެ ނައިބު ރައީސަށް ރިޔާސަތު ނުބެލެހެއްޓެވޭ ހާލަތެއްގައި ޖަލްސާގެ ރިޔާސަތު ބަލަހައްޓާނެ ފަރާތްތައް މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު އެއީ މަޖިލީހުގައި އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވި ފަސް މެންބަރުންނެވެ. އެ އުސޫލުގެ ދަށުން ނަޝީދުގެ މައްސަލަ ކުރިއަށް ގެންދަން ޖެހޭނެ ކަމަށް އެމްޑީޕީގެ ގާނޫނީ ޓީމުން ގަބޫލުކުރެއެވެ.

އެމްޑީޕީގެ ގާނޫނީ ޓީމުން ދެކޭގޮތުގައި މަޖިލީހުގެ ރައީސްގެ އިތުބާރުގެ ގަރާރާ މެދު ގޮތެއް ނުނިންމައި، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހުވާ ކުރެއްވުން ވެސް ކުރިއަކަށް ނުގެންދެވޭނެއެވެ.

އެމްޑީޕީން ހުށަހެޅި މައްސަލައާމެދު ސުޕްރީމް ކޯޓުން ވަކި ގޮތެއް އަދި ނުނިންމާކަން ވަނީ އެނގިފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button