މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ފަސް މީހުން ހައްޔަރުކޮށްފި
އައްޑޫ ސިޓީ ހިތަދޫ އަދި ޅ. ހިންނަވަރުގައި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއް ހިންގައި ފަސް މީހަކު ހައްޔަރުކޮށްފިއެވެ
އެ އޮޕަރޭޝަންތަކުގެ ތެރެއިން އައްޑޫ ސިޓީ ހިތަދޫގައި މި މަހުގެ 11 ވަނަ ދުވަހު ހިންގި އޮޕަރޭޝަނަކީ އެ ރަށު ފަޅު ގޯއްޗެއްގައި ބަނގުރާ ކައްކާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. އެ އޮޕަރޭޝަނުގައި، ބަނގުރާކެއްކުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ސާމާނުތަކަކާއެކު ތިން މީހުން ހައްޔަރުކޮށްފައިވެއެވެ. އެއީ 24 އަހަރުގެ މީހަކާއި 40 އަހަރުގެ މީހެއްގެ އިތުރުން 41 އަހަރުގެ މީހެކެވެ. މި ތިން މީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ.
އޭގެ އިތުރުން ހިތަދޫގައި މަސްތުވާތަކެތި ގެންގުޅޭކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހު 10 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި 21 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. އެ ރަށު މަގުމަތިން އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 34 ސެލޯފިންކޮޅު ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ބަންދަށް ވަނީ 15 ދުވަހުގެ މުއްދަތުދީފައެވެ.
މީގެ އިތުރުން ޅ.ހިންނަވަރުގައި މި މަހު 8 ވަނަ ދުވަހު ހިންގި އޮޕަރޭޝަނަކީ ޅ. އަތޮޅަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ހިންނަވަރު ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި، އެ ރަށު ފަޅުގައި އޮތް ދޯންޏަކުން 36 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވެއެވެ. އަދި އެ ދޯނި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ބޮޑު ރަބަރު ޕެކެޓެއް ވަނީ ފެނިފައެވެ.
މި މައްސަލައާ ގުޅިގެން އޭނާ ހިންނަވަރު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު ދީފައިވެއެވެ
ފުލުހުން ބުނީ މި މައްސަލަތައް ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށެވެ.