ޚަބަރު

ޓެކްސްގެ ގޮތުގައި މީރާއަށް ލިބެންޖެހޭ 1 ބިލިއަން ރުފިޔާ ނުލިބޭ

ޓެކްސްގެ ގޮތުގައި މީރާއަށް ލިބެންޖެހޭ 1 ބިލިއަން ރުފިޔާ ނުލިބޭކަން ހާމަވެއްޖެއެވެ.

ޖީއެސްޓީ، ޓީޖީއެސްޓީ އަދި ގްރީން ޓެކްސް ތައާރަފްކުރި ހިސާބުން ފެށިގެން 2021 ގެ ނިޔަލަށް ދައުލަތުގެ އާމްދަނީގެ ގޮތުގައި ލިބިފައިވާ ޖުމްލަ އަދަދަކީ ކޮބައިތޯ އާއި، މި ފައިސާ ހޭދަކޮށްފައިވަނީ ކޮންކޮން ކަންކަމަކަށްތޯ އާއި މިހާތަނަށް ނުލިބިހުރި ޓެކްސްގެ ޖުމްލަ ފައިސާގެ އަދަދަކީ ކޮބައިތޯ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު އާއި ލިޔުމުން ޖަވާބު ހޯދުމަށް ފޮނުއްވެވި ސިޓީގެ ޖަވާބު މަޖިލީހުގެ އަމީން އާންމު މިއަދުގެ ޖަލްސާގައި އިއްވެވިއެވެ.

އެގޮތުން 31 އޮގަސްޓް 2022 ގެ ނިޔަލަށް ޓީޖީއެސްޓީ ޓެކުހުގެ ގޮތުގައި 632،98،492.71 (ހަ ސަތޭކަ ތިރީސް ދެ މިލިއަން ނުވަދިހަ އަށްހާސް، ހަތަރު ސަތޭކަ ނުވަދިހަ ދެ ރުފިޔާ ހަތްދިހަ އެއް ލާރި) އަދި ޖޫރިމަނާގެ ގޮތުގައި 240،345،380.79 (ދުއިސައްތަ ސާޅީސް މިލިއަން ތިން ލައްކަ ސާޅީސް ފަސް ހާސް ތިން ސަތޭކަ އަށްޑިހަ ރުފިޔާ ހަތްދިހަ ނުވަ ލާރި) މީރާ އަށް ލިބެން ޖެހެއެވެ. އެއީ ޖުމްލަ 872 މިލިއަނަށްވުރެ ގިނަ ރުފިޔާއެވެ.

ގްރީން ޓެކްސްގެ ގޮތުގައި 85،490،793.15 (އަށްޑިހަ ފަސް މިލިއަން، ހަތަރު ސަތޭކަ ނުވަދިހަ ހާސް، ހަތްސަތޭކަ ނުވަދިހަ ތިން ރުފިޔާ ފަނަރަ ލާރި) އަދި ޖޫރިމަނާގެ ގޮތުގައި 42،927،707،16 (ސާޅީސް ދެ މިލިއަން ނުވަ ލައްކަ ހަތާވީސް ހާސް، ހަތްސަތޭކަ ހަތް ރުފިޔާ ސޯޅަ ލާރި) މީރާއަށް ލިބެން ޖެހެއެވެ. އެއީ ޖުމްލަ 128،418،500.33 (ސަތޭކަ އަށާވީސް މިލިއަން ހަތަރު ލައްކަ އަށާރަހާސް، ފަސްސަތޭކަ ރުފިޔާ ތެއްތިރީސް ލާރިއެވެ.

އެހެން ކަމުން މީރާއަށް ނުލިބި ހުރި ފައިސާގެ އަދަދު ބިލިއަނަަކަށްވުރެ ގިނަ ރުފިޔާއަށް އަރައެވެ.

ޖީއެސްޓީގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީ ޖަމާވަނީ ޕަބްލިކް ބޭންކް އެކައުންޓަކަށް ވުމާއެކު އެފައިސާ ހަރަދު ކުރުމަށް ނިންމަނީ ދައުލަތުގެ ބަޖެޓުގައި ހިމެނޭ އެކިއެކި ކަންކަމަށް ހޭދަ ކުރުމަށެވެ.

ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީ 2019 ވަނަ އަހަރުން ފެށިގެން ޖަމާ ކުރަނީ ގްރީން ފަންޑަށެވެ. އެ ފަންޑަށް ޖަމާ ކުރާ ފައިސާގެ ތަފްސީލާއި ހަރަދުގެ ތަފްސީލް ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުން ފެންނަން ހުންނާނެ ކަން އަމީރުގެ ސިޓީގައި ބަޔާން ކުރައްވާފައިވެއެވެ. ކުރިން ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީ ހަރަދު ކުރަނީ ސަރުކާރުގެ ބަޖެޓުގައި ހިމެނޭ ކަންކަން ކުރުމަށެވެ.

 

One Comment

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button