ޚަބަރު

އަމިއްލައަށް މަގުމަތީ ޙުކުމްކޮށް ތަންފީޒުކުރާ ހިސާބަށް ދިޔުމީ ކަންބޮޑުވާން ޖެހޭކަމެއް: ޝައިޚް ސަމީރު

މީސްމީހުން އަމިއްލައަށް މަގުމަތީގައި ޙުކުމްކޮށް ތަންފީޒުކުރާ ހިސާބަށް ޤައުމެއްގެ ޙާލަތު ދިޔުމީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް ޝައިޚް ސަމީރު ވިދާޅުވެއްޖެ އެވެ.

ބެލެވޭގޮތުގައި ޝައިޚް ސަމީރުގެ ޓްވީޓްގައި އިޝާރާތް ކުރައްވާފައި އެވަނީ ދާދިފަހުން ޣާޒީ ސްކޫލުގެ ފިރިހެން ޓީޗަރަކު އެސްކޫލުގައި ކިޔަވަމުންދާ ކުޑަފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ މައްސަލަ އާއިލާއިން ފުލުހުންނަށް ހުށަހެޅިނަމަވެސް ފުލުހުން އަޅާނުލުމުގެ ސަބަބުން ކުއްޖާގެ އާއިލާ އާއި އާންމުންގެ ބަޔަކު ނުކުމެ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެމީހާއަށް އަނިޔާކޮށް ބަރަހަނާ ކޮށްލި މައްސަލައާއި ގުޅިގެންނެވެ.

ޝައިޚް ސަމީރު ވިދާޅުވީ އިސްލާމީ ޝަރީޢަތުން ކަށަވަރު ކޮށްދެއްވާފައިވާ ޙައްޤުތައްކަމުގައިވާ އިސްލާމްދީނާއި، މީހާގެ ނަފްސާއި، ނަސްލާއި، މުދަލާއި، ބުއްދިއާއި، އަބުރު ޙިމާޔަތްކުރުމަށް އެންމެމަތީ ދަރަޖައިގައި މަސައްކަތްކުރުން ދައުލަތުގެ މައްޗަށް ލާޒިމްވެގެން ވާކަމަށެވެ. އަދި ރައްޔިތުންގެ މައްޗަށް ލާޒިމުވެގެންވަނީ އެކަންކަން ޙިމާޔަތްކޮށް ރައްކާތެރި ކުރުމަށް ދައުލަތަށް ފުރުސަތުދީ އެހީތެރިވެދިނުން ކަމުގައި ޝައިޚް ސަމީރު ފާހަގަކުރެއްވެވިއެވެ.

މިއާއިއެކު ޝައިޚް ސަމީރު ވިދާޅުވީ މީސްމީހުން އަމިއްލައަށް މަގުމަތީ ޙުކުމްކޮށް ތަންފީޒުކުރާ ހިސާބަށް ޤައުމެއްގެ ޙާލަތު ދިޔުމީ ކަންބޮޑުވާންޖެހޭ ކަމެއްކަމަށެވެ.

ޝައިޚް ސަމީރުގެ އިތުރުންވެސް އެތައް ދީނީ ޢިލްމުވެރިންނާއި އާންމު ރައްޔިތުން އަންނަނީ ޤައުމުގެ ހާލަތާއިމެދު ކަންބޮޑުވުން ފާޅުކޮށް ސަރުކާރަށް ފާޑުކިޔުން އަމާޒު ކުރަމުންނެވެ.

One Comment

  1. ފުލުހުން ދިޔައީ މައްސަލަ ބަލާ މުން، އަހަރެ މެން ބޭނުންވާހާ އަވަހަކަށް މައްސަލަ ބަލާ އަދަބެއް ނުދެވޭނެ، ފުލުހުން ވެސް އަ މަލުކުރަންޖެހޭ އުސޫލްތަކެއް ހުރޭ

Leave a Reply

Your email address will not be published. Required fields are marked *

Back to top button