ޚަބަރުސިޔާސީ

ލޯކަލް މާރުކޭޓާއި މަސްމާރުކޭޓުގެ އައު އިމާރާތުގެ މަސައްކަތް އޭޕްރީލް މަހު ފެށޭނެ: ރައީސް

ލޯކަލް މާރުކޭޓާއި މަސްމާރުކޭޓުގެ އައު ޢިމާރާތުގެ މަސައްކަތް އޭޕްރީލް މަހު ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ހއ.ބާރަށު، މަދޮށިމާގޭ، ޢަބްދުﷲ އިބްރާހީމް މަނިކު ފާޅުކުރެއްވި ކަންބޮޑުވުމުގައި މާލޭގެ މާރުކޭޓުތައް މިވަގުތު ހުރީ ކާބޯތަކެތި ވިއްކަން އެންމެ އެކަށީގެންވާ ޙާލަތުގައެއް ނޫނެވެ. އެކަމާ ގުޅިގެން ރައީސް ވިދާޅުވީ، މާލޭގައި ހުރި ލޯކަލް މާރުކޭޓާއި، މަސްމާރުކޭޓުގެ އައު ޢިމާރާތުގެ މަސައްކަތް ރޯދައިގެ ފަހުން ފެށިގެން ދާނެއެވެ.

ޢަބްދުﷲ އިބްރާހީމް މަނިކުގެ ސުވާލަށް ދެއްވި ޖަވާބުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މާލޭގައި މިހާރު ހުރި މާރުކޭޓުތަކަކީ އެންމެ އެކަށީގެންވާ ގޮތަށް ހުރި ތަންތަން ނޫންކަން ޤަބޫލުކުރަށްވާ ކަމަށާއި، އެހެންކަމުން މާރުކޭޓުގެ އައު އިމާރާތް އެޅުމުގެ ހުރިހާ މަގެއް މާލޭ ސިޓީ ކައުންސިލަށް ސަރުކާރުން ފަހިކޮށްދީފައިވާ ކަމަށެވެ. އަދި މާރުކޭޓުގެ އައު ޢިމާރާތް އަޅާނީ މިހާރު ހުރި ލޯކަލް މާރުކޭޓު ރޫޅާލުމަށްފަހު އެތަނުގައި ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެޢިމާރާތް އެޅިގެންދާނީ ޢިމާރާތުގެ ބޭސްމެންޓްގައި ޕާކިންވެސް ހިމެނޭ ގޮތަށް ކަމަށާއި، އެއީ ހިތްފަސޭހަ އަދި ޖާގައިގެ ގޮތުން ވެސް ތަނަވަސް މާރުކޭޓަކަށް ވެގެންދާނެ ކަމަށާއި  މާރުކޭޓުން މިހާރު ދިވެހިންނަށް ދޫކުރާ ގޮޅިތަކުގައި ބިދޭސީން ވިޔަފާރިކުރުން ނިމުމަކަށް ގެނައުމަށް ސަރުކާރުން މަސައްކަތް ކުރަށްވާ ކަމަށާއި، އާ މާރުކޭޓު އެޅިގެންދާއިރު އެކަމަށް ދާއިމީ ޙައްލެއް ހޯއްދަވައި ދެއްވާނެ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button