75 އަހަރުގެ ޖަލު ހުކުމުން ހުނޫ ސަލާމައްވެއްޖެ!

ފިލްމީތަރި އަދި މަޝްހޫރު މޮޑެލް ހުނައިޝާ އާދަމް (ހުނޫ)ގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ދައުވާ ދައުލަތުން އުފުލައިފައިވަނިކޮށް, ހެކި ނެތިގެންކަމަށް ބުނެ ކްރިމިނަލް ކޯޓުން އިއްޔެ އޭނާ ދޫކޮށްލައިފިއެވެ.
ހުނައިޝާ ދޫކޮށްލަން ކޯޓުން ނިންމާފައިވަނީ ފެނުނު މަސްތުވާތަކެއްޗާއި އޭނާ އާ ގުޅުވޭނެ ހެއްކެއް ނެތުމުންނެވެ.
ދައުލަތުން ހުނައިޝާގެ މައްޗަށް އުފުލާފައި ވަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އާއި ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާގެ އިތުރުން މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް ޓްރެފިކްކުރުމުގެ ދައުވާއެވެ.
ކްރިމިނަލް ކޯޓުން ފާހަގަކުރި ކަންކަމުގެ ތެރޭގައި:
- މަސްތުވާތަކެތި ފެނުނީ ހުނޫ ދިރިއުޅޭ ތަނުން ނޫންކަން
- ފެނުނު ތަކެތީގެ ޒިންމާ އެހެން މީހަކު ފެށުނީއްސުރެ ނަގާފައިވުން
- އެ ތަކެތި އޭނާ އާ ގުޅުވޭނެ އެއްވެސް ހެއްކެއް ހުށަހަޅާފައި ނެތުން
ހުނޫގެ އިތުރުން ދެމީހެއްގެ މައްޗަށް މިމައްސަލާގައި ވަނީ ދައުވާ އުފުލާފައެވެ. އެމީހުންގެ ދައުވާ އުފުލާފައި ވަނީ މިދިޔަ މާޗް 28 ވަނަ ދުވަހު މަސްތުވާތަކެތި ގެންގުޅެ ބޭނުންކޮށް، އެތަކަތީގެ ވިޔަފާރި ކުރާކަމަށް ތުހުމަތުކުރެވުނު މައްސަލައިގައެވެ. އެ ތިން މީހުންގެ މައްޗަށް ދައުވާތައް އުފުލާފައި ވަނީ ގާތްގަނޑަކަށް 353 ގްރާމް ޑައިމޯފިންއާއި، 18 ގްރާމް މެތަމްފެޓަމައިން އާއި، 139 ގްރާމް ކެނެބިސްގެ މައްސަލާގައެވެ.
ހުނޫގެ މައްޗަށް މިމައްސަލަ ސާބިތުވިނަމަ، އެއްލައްކަ ރުފިޔާ އާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ ޖޫރިމަނާއެއްގެ އިތުރުން 75 އަހަރުގެ ޖަލުހުކުމެއް އަންނާނެއެވެ.