ޚަބަރުސިޔާސީ

މި މަހު 10ގެ ކުރިން މަސްވެރިންނަށް ފައިސާ ދޭން މަސައްކަތްކުރަނީ: ޝިޔާމް

މަސްވެރިންނަށް ދޭން ޖެހޭ ފައިސާގެ ތެރެއިން ރަނގަޅު މިންވަރެއް މި މަހު 10ގެ ކުރިން ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފިޝަރީޒް މިނިސްޓަރު، އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މީޑިޔާއަށް ދެއްވި އިންޓަވިއުއެއްގައި ޝިޔާމް ވިދާޅުވީ މި ވަގުތަކީ ދައުލަތުގެ ދަރަނި ބޮޑުވުމުގެ ސަބަބުން މާލީ ދަތިކަން ވަރަށް ބޮޑު ދުވަސްވަރެއް ކަމަށާއި، މަސްވެރިންނަށް ދޭންޖެހޭ ފައިސާ އަދިވެސް ނުދެވޭ ކަމަށެވެ.  ނަމަވެސް މި މަހު 10ގެ ކުރިން ރަނގަޅު މިންވަރެއް މަސްވެރިންނަށް ދެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް ޝިޔާމް  ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ މަސް ގަންނަ އަގާ އެކީގައި ސަބްސިޑީގެ ގޮތުގައި ދައުލަތުން ވަރަށް ބޮޑު އެއްޗެއް ދޭންޖެހޭކަމަށާއި ކޮންމެ މަހަކު ވެސް މަސްވެރިންނަށް ފައިސާ ދޭންޖެހެނީ ފިނޭންސް މިނިސްޓްރީގެ އެހީތެރިކަމާއެކު ކަމަށެވެ.

މަސްވެރިން ބާނާ މަސްކޮޅު ކިރުވައި އޭގެ އަގު ނުލިބޭތީ މަސްވެރިންގެ ޖަމިއްޔާތަކުންނާއި ރާއްޖޭގެ އެކިކަންކޮޅު ތަކުގައި ތިބި މަސްވެރިން ވެސް ދަނީ އެކަމާ ނުރުހުން ފާޅުކުރަމުންނެވެ.

މަސްވެރިކަމާއި ބެހޭ ވުޒާރާއާއި ހަވާލުވެ ވަޑައިގަތުމަށްފަހު ޝިޔާމް ވަނީ މަސްވެރިންނަށް ނުދީ އޮތް 200 މިލިއަން ރުފިޔާގެ ތެރެއިން 190 މިލިއަން ރުފިޔާ ދީފައެވެ. ނަމަވެސް، 140 މިލިޔަން ރުފިޔާ އަދިވެސް މަސްވެރިންނަށް ދޭން ޖެހޭ ކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button