ޚަބަރުސިޔާސީ

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަކޮށްފި!

އިންޑިއާގެ 77 ސިފައިން ރާއްޖެ އައިސް ތިބީ ޑޯނިއާ އާއި ހެލިކޮޕްޓަރު ދުއްވަން ކަމަށާއި ތަރައްގީގެ ޕްރޮޖެކްޓުތައް ނުލައި، ދެ ގައުމުގެ ހާރިޖީ ގުޅުމާ ބެހޭ 100 އަށް ވުރެ ގިނަ އެއްބަސްވުން މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ހަދާފައިވާ ކަމަށް ސަރުކާރުން މިއަދު ބުނެފިއެވެ.

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ފޯ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވީ މިހާތަނަށް އެނގޭ ގޮތުގައި، އިންޑިއާގެ 77 ސިފައިން ރާއްޖޭގައި ތިބި ކަމަށެވެ.

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ގެންދިއުމަަށް ރައީސް މުއިއްޒު އިއްޔެ ވަނީ އިންޑިއާ ސަރުކާރުގައި  ރަސްމީކޮށް އެދިވަޑައިގެންފައެވެ. އެކަމަށް އެދިވަޑައިގަތީ އެ މަނިކުފާނު ހުވާކުރެއްވި ރަސްމިއްޔާތަށް ވަޑައިގެންނެވި އިންޑިއާގެ މަންދޫބު މިނިސްޓަ އޮފް އާތު ސައިންސަސް، ކިރެން ރިޖިޖޫއާ އެކު އިއްޔެ ބޭއްވި ބައްދަލުކުރެއްވުމުގައި ކަމަށް ރައީސް އޮފީހުން ބުނެފައި ވެއެވެ.

ފިރުޒުލް މިއަދު ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ކުރާ މަސައްކަތުގެ ތަފުސީލު ދެއްވާފައެވެ.

އެގޮތުން އިންޑިއާ އިން ރާއްޖެއަށް ހަދިޔާކުރި ފުރަތަމަ ހެލިކޮޕްޓަރު ބެލެހެއްޓުމަށް 24 ސިފައިން، ޑޯނިއާ މަތިންދާބޯޓު ދުއްވުމަށް 25 ސިފައިން، އިންޑިއާއިން ރާއްޖެ ހަދިޔާކުރި ދެވަނަ ހެލިކޮޕްޓަރު ދުއްވުމަށް 26 ސިފައިންނާއި އެ އުޅަނދުތަކުގެ މެއިންޓެނަންސާއި އިންޖީނިއަރިން މަސައްކަތްތަކަށް ދެ ސިފައިންނެވެ،

ފިރުޒުލް ވިދާޅުވީ ރާއްޖޭގެ ސިޔާދަތަށް އުނިކަން ލިބޭ ގޮތަށް ދެ ގައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުންތަކުގެ ހުރި ނުކުތާތަށް އުވާލުމަށް މަސައްކަތްކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާ ކަމަށެވެ. އެ ވިދާޅުވުމާ އެއްގޮތަށް އިންޑިއާ އެކު ރާއްޖެއިން ހަދާފައިވާ އެއްބަސްވުންތަކާ ގުޅޭ މައުލޫމާތުތައް އެއްކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ފިރުޒުލް ވިދާޅުވި ގޮތުގައި އިންޑިއާ އާއެކު ގިނަ އެއްބަސްވުންތަކެއް ހަދާފައި ވާތީ އެ އެއްބަސްވުންތަކުގައި ހުރި ކަންކަން ދިރާސާކުރުމަށް ވަގުތު ބޭނުންވާނެ ކަމަށެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަކުރަން ނިމިދިޔަ ދައުރުގައި، ސަރުކާރުގައި ބަޔަކު އެދުނު ނަމަވެސް އެއީ ގައުމީ ސަލާމަތަށް ނުރައްކާވާނެ ކަމެއް ކަމަށް ނިންމައި އިންފޮމޭޝަން ކޮމިޝަނަރު ވަނީ އެ މައުލޫމާތު ނުދޭން ވަނީ ނިންމާފައެވެ. މި މަހު ނުވައެއްގައި ހައިކޯޓުން ވަނީ އިންފޮމޭޝަން ކޮމިޝަނަރަށް އެގޮތަށް ނުނިންމޭނެ ކަމަށް ހުކުމް ކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button