ޚަބަރުސިޔާސީ

މިލަންދޫ ދާއިރާގެ މަޖިލިސް ގޮނޑިއަށް ޕީޕީއެމް ޕީއެންސީގެ ޒުވާނުންގެ ރޫހު ނަބީލް ވާދަކުރަނީ!

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ޕީޕީއެމް ޕީއެންސީ ޕްރައިމަރީގައި މިލަންދޫ ދާއިރާއަށް ޕީއެންސީގެ ސެނެޓަރ މުހައްމަދު ނަބީލް (ނައްބެ) ވާދަކުރަން ނިންމައިފިއެވެ.

ނަބީލް އަކީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގެ ދުވަސްވަރުން ފެށިގެން ޕީޕީއެމް ފިކުރުގައި މަސައްކަތް ކުރައްވަމުން އަންނަ ހިތްވަރުގަދަ ޒުވާނެކެވެ. އޭނާ އެންމެ ފުރަތަމަ ފާހަގަވެގެން ދިޔައީ ރައީސް ޔާމީނާއި ޕީޕީއެމް ޕީއެންސީގެ ހަބަރުތައް ގެނެސްދޭ ޗެނަލް 13 ގެ ސިޔާސީ ޕްރޮގްރާމަކުންނެވެ.

ޕީޕީއެމްގެ ސްލޮޓްތަކުގައި އިތުރު ޗެނަލްތަކުގެ ސިޔާސީ ޕްރޮގްރާމްތަކުންވެސް ނަބީލް ފެނިގެންދިޔައެވެ. އެދުވަސްވަރު ނަބީލަކީ ޕީޕީއެމްގެ ޒުވާނުންގެ ގޮފީގެ އިސް މެންބަރެކެވެ.

ރައީސް ޔާމީންގެ 2018 ގެ ކެމްޕެއިން ޖަގަހަ ރުމާލު 2 ގެ އިވެންޓުތައް ރާވައި ހިންގުމުގައިވެސް އޭނާގެ ލީޑާޝިޕް ފެނިގެން ގޮސްފައި ވެއެވެ. އަދި އެކަން ޕީޕީއެމް ޕީއެންސީގެ އިސް ވެރިންވެސް ފާހަގަކުރައްވައެވެ.

ނަބީލް ގަބޫލުކުރައްވާގޮތުގައި ސިޔާސީގޮތުން އޭނާ ހޯދި ކާމިޔާބީއަކީ ތެދުވެރިކަމާއެކު އެއް ފިކުރެއްގައި މަސައްކަތް ކުރުމާއި، އޭނާގެ މައިންބަފައިންގެ ސަޕޯޓުގެ އިތުރުން ރައީސް ޔާމީނާއި، އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ އިތުރުން ޕީޕީއެމް ޕީއެންސީގައި ތިބި އޭނާއަށް ހެޔޮއެދޭ ބޭފުޅުންގެ އެހީތެރިކަމެވެ.

”އޭގެ ތެރެއިން ފާހަގަކޮށްލާނަން މި ޕާޓީގެ ފިކުރުގަައި 16 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވި، އަދި މިހާރުވެސް އެކްޓިވްކޮށް އުޅޭ، މިހާރު މީޑިއާ ދާއިރާއިން ތިބޭފުޅުންނަށް ފެންނަ ބައެއް މޫނުތައް. އެއީ ކުރީގެ ސީޕީ ހުސައިން ވަހީދު، ޗެނަލް 13 ސަމާހު، މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް، ދެން ނޫސްވެރިޔާ ކޭޑުމެން. ކޭޑު އަސްލު އަޅުގަނޑު ބޮޑަށް ޕާޓީގެ އެތެރޭގެ ހަރަކާތްތައް ވެއްދީ. ފަސީމަކީ ފެށުނީއްސުރެ ދެގޮތެއް ނުވާ ވަރަށް ގާތް ރަށްޓެއްސެއް. މީގަ ދެމިހުރުމުގަ ފަސީމްގެ ހިތްވަރުން އެއްޗެއް ވިސްނުނު. ދެން އެމްޕީ ޝިޔާމް، ޝާޑުމެން އަދި ނިހާން މެން އޭރު ވަރަށް ސަޕޯޓު ދެއްވި.“ ނަބީލް ވިދާޅުވިއެވެ.

 

ނަބީލް އަކީ ޕީޕީއެމްގެ ޕޯޑިއަމްތަކުންވެސް ފެންނަ ޒުވާނުންގެ ދިފާއުގައި ވަކާލާތު ކުރައްވާ ޝަހުސިއްޔަތަކަށް ވާއިރު، އޭނާ ދެކެވަޑައިގަންނަވާގޮތުގައި ކުރިއަށް އޮތީ، ބުރަ މަސައްކަތެއްކަން ގަބޫލުކޮށް، ރައީސް ޑރ.މުއިއްޒުގެ ސަރުކާރު ދިފާއުކޮށް، ރައީސް ޔާމީނާއި އެ ކޯލިޝަންގެ ތަސައްވުރު ހާސިލުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ދުވަސްތަކެކެވެ.

އެ މަސައްކަތްތައް ކުރާއިރު، ގާނޫނީ ގޮތުން މަޖިލީހުގެ ޒިންމާ އަދާކޮށް، ސަރުކާރު ދިފާއުކޮށް، ޖަވަަބުދާރީކޮށް، ރައްޔިތުންގެ ހެވަށާއި ލާބައަށް އަބަދާއި އަބަދުމެ މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އޭނާގެ އަމިއްލަ ނަފްސަށް އޮތްކަން ނަބީލް ފާހަގަކުރެއްވިއެވެ.

ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ކުރިއަށްގެންދިޔަ ހުރިހާ މުޒާހަރާއެއްގައިވެސް ނަބީލް ހުންނެވީ އެންމެ ކުރީގައެވެ. މުޒާހަރާތަކުގައި އެންމެ ބޮޑަށް އަނިޔާވި އެކަކީވެސް ނަބީލްއެވެ.

އަމިއްލަ މީހާއަށް ވެދާނެ އަނިޔާތަކަށް ނުބައްލަވައި، ގައުމުގެ ދިފާއުގައި، އަދި ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ އިންޑިއާ ސިފައިން ފޭބުމަށް ގޮވާލައި ކުރި ހުރިހާ މުޒާހަރާއެއްގައި ނަބީލް ހުންނެވީ މިނިވަން ގައުމެއް ގޮތުގައި ރާއްޖެ އޮންނަތަން ދެކެވަޑައިގަންނަވަން ބޭނުންވެވަޑައިގަންނަވާތީކަން އޭނާ ފާހަގަކުރެއްވިއެވެ.

ބެލުންތެރިންގެ މެދުގައި މިހާތަނަށް އެންމެ ބޮޑު މަގުބޫލުކަމެއް ހޯދި ޗެނަލް 13 ގެ މަޑިސީލަ ޕްރޮގްރާމްގައި ރާއްޖޭގެ ސިޔާސީ، އިޖުތިމާއީ މައްސަލަތަކާއި ގުޅޭ މައުޟޫތަކުގައި ނަބީލަކީ ހެއްކާއި މިސާލުތަކުން އޭނާގެ ވާހަކަދެއްކެވުމުގެ ކުޅަދާނަކަން ގޭބިސީތަކުގެ ފެންޑާތަކަށް ގެނެސްދެއްވި ޒުވާނާކަށް ވާއިރު، ރައީސް ޔާމީން ޖަލުގައި ހުންނެވި ދުވަސްވަރު ނަބީލު ވެގެންދިޔައީ ރައީސް ޔާމީންގެ ސަޕޯޓަރުންގެ ހިތްތަކަށް ތަސައްލީއެއް ގެނެސްދެއްވި ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކަށެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button