މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ އާއިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ބޮޑު ދަރަންޏެއް ސާބިތުވެ އެ ފައިސާ ދެއްކުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފައިވަނީ، އެ ދަރަނި ’ރީ-ސްޓްރަކްޗާ‘ ކުރުމަށް ބޭންކުގައި އެކަމަށް އެދިފައި އޮއްވައި ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ފަރާތުން މޭޔަރުކަމަށް ކުރިމަތިލައްވާފައިވާ އާޒިމާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އިން އޭނާ ނަންގަވާފައިވާ ލޯނު ނުދައްކައިގެން ސިވިލް ކޯޓުން ހުކުމް ކުރިކަން އެނގިވަޑައިގަތީ މީޑިއާ އިން ކަމަށެވެ.
ހުޅުމާލޭގައި އާޒިމާ ދިރިއުޅުއްވާ އެޕާޓުމެންޓު ގަތުމަށް 2016 ވަނަ އަހަރު ނަގާފައިވާ ލޯނު ދައްކަމުން ދަނިކޮށް، ކުރީ ސަރުކާރުން އޭނާގެ މައްޗަށް ކުރި ދައުވާއަކާއެކު، ދިރިއުޅުމަށް ކުރައްވަމުން ގެންދެވި މަސައްކަތް ކުރެއްވުމަށް ހުރަސްތަކެއް ކުރިމަތިވި ކަމަށް އާޒިމާ ވިދާޅުވިއެވެ. އާމްދަނީ ހޯދުމަށް އާޒިމާ ކުރައްވަމުން ގެންދެވީ ގާނޫނީ ވަކީލުކަމެވެ.
އަމިއްލަ މަސައްކަތުން ދިރިއުޅުއްވާ އިރު ހަރަދުތައް ހަމަޖައްސަވަނީ ވެސް އަމިއްލައަށް ކަމަށާއި ކޮވިޑުގެ ހާލަތާއެކު ވަޒީފާތައް ނެތި، އާމްދަނީ ހޯދެއްވުމަށް ކުރެއްވި ތަފާތު މަސައްކަތްތަކުން، ލޯނު ދެއްކުމަށް އެކަށީގެންވާ ކުރިއެރުމެއް ލިބިފައިނުވާ ކަމަށް ވެސް އާޒިމާ ވިދާޅުވިއެވެ.
އާޒިމާ ވިދާޅުވި ގޮތުގައި، ލޯނު ދެއްކެވުމަށް ތާވަލެއް ހަދާ، ލޯނު ރީ-ސްޓްރަކްޗާ ކުރުމަށް ބޭންކަށް ހުށަހެޅުއްވި ކަމަށާއި މިދިޔަ މަހު ވެސް ބޭންކްގައި ވަނީ މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ.
”މި ހާލަތުގައި މި މަޝްވަރާ ކުރިއަށް ދަނިކޮށް މިގޮތަށް މި ހުކުމް އައުމުން އަޅުގަނޑުގެ ލޯޔަރުންގެ މަޝްވަރާއާއެކު ހުކުމް ރިވިއު ކުރުމަށާއި އިސްތިއުނާފު ކުރުމަށް ނިންމާ ކޯޓަށް ހުށަހެޅުމުގެ މަސައްކަތް މިދަނީ ކުރަމުން“ އާޒިމާ ވިދާޅުވިއެވެ.
ދައުލަތުގެ ބާރުގަދަ އެތައް މަގާމެއް އެތައް ފަހަރެއްގެ މަތިން އަދާކޮށްފައިވާނެ ކަމަށާއި، މުސާރަ ފިޔަވާ އެއްވެސް ފައިސާއެއް ދައުލަތުން ނަންގަވާފައިނުވާނެ ކަމަށް އާޒިމާ ވިދާޅުވިއެވެ.
މޭޔަރުކަމުގެ އިންތިހާބަށް ކުރިމަތިލައްވައި އިންތިހާބު ގާތްވެފައި ވަނިކޮށް އިއްވާފައިވާ ހުކުމާއެކު ވެސް މަސައްކަތުގައި ފަސްނުޖެހޭނެކަމަށް އާޒިމާ ވިދާޅުވިއެވެ.
ސިވިލް ކޯޓުގެ ގާޒީ ޒުލައިހާ ޝީޒާ ކުރެއްވި ހުކުމުގައި ބުނެފައި ވަނީ ޕްލެޓިނަމް ރެސިޑެންސުގެ ފްލެޓެއް ގަތުމަށް އެމްއައިބީ އިން އާޒިމާ ނަންގަވާފައިވާ ލޯނަށް އާޒިމާ ދައްކަންވަން ޖެހޭ 4.2 މިލިއަން ރުފިޔާ ގަވައިދުން ދައްކަވަމުން ނުގެންދަވާ ކަމަށެވެ.