ހިޔާގެ ދެ ފްލެޓް އެއްކޮށްލި މީހުންގެ އެއްބަސްވުން ބާތިލްކޮށް ފްލެޓް ހުސްކުރަން އަންގައިފި
ހިޔާގެ ދެ ފްލެޓުން އެއްކޮށްލި މީހުންގެ އެއްބަސްވުން ބާތިލްކޮށް 14 ދުވަހުގެ ތެރޭގައި އެ ދެފްލެޓް ހުސްކުރުމަށް އަރބަންކޯއިން އެ ދެ ފްލެޓްގެ ވެރިންނަށް އަންގައިފިއެވެ.
ދެ ފްލެޓްގެ ފާރެއް ތަޅާލައި ދެ އެޕާޓްމަންޓް އެއްކޮލި މައްސަލާގައި ޖޫރިމަނާކޮށްފައިވަނީ ރައީސް އިބްރާހިމް މުޙައްމަދު ޞޯލިޙުއާއި ގާތް ގުޅުމެއް އޮންނަ ހިޔާ ޔޫނިއަންގެ ނައިބު ރައީސް ޝަމާލްއެވެ.
މި މައްސަލައާ ގުޅިގެން 100،000 ރުފިޔާއިން ކޮންމެ ފްލެޓްއެއް ޖޫރިމަނާކޮށް ފަސް ދުވަސް ތެރޭގައި ދެ ލައްކަ ރުފިޔާ ދައްކައި 10 ދުވަސް ތެރޭގައި ތަން ހަވާލުކުރަން އަންގާފައިވާއިރު ފްލެޓްތައް ކުރިން ހުރިގޮތަށް ބަދަލު ނުކޮށްފި ނަމަ ފްލެޓުގެ އެގްރީމެންޓް ބާތިލްކޮށް ތަނާ ހަވާލުވާން ދޭން ޖެހޭ ނޯޓިސް ދޭނެކަން އަރބަންކޯއިން ވަނީ އެފަރާތަށް އޭރު އަންގާފައެވެ.
އެހެންނަމަވެސް އެ ފަރާތުން އެއްވެސް ވަރަކަށް ޖޫރިމަނާގެ ފައިސާ ދައްކާފައި ނުވާ ކަމަށާއި، އަދި ދިން މުއްދަތުގެ ތެރޭގައި ފާރު ރޭނުމުގެ މަސައްކަތްވެސް ކޮށްފައި ނުވާކަމަށް އަރބަންކޯއިން ވަނީ ބުނެފައެވެ. އަދި އެއްވެސް ވަރަކަށް ފައިސާ ދައްކައި ފައި ނުވާތީ ދެފްލެޓްގެ ވެސް އެއްބަސްވުން ބާތިލް ކޮށް 14 ދުވަސް ތެރޭގައި ފްލެޓް އަނބުރާ އަރބަންކޯ އާއި ހަވާލު ކުރުމަށް އެ ފަރާތަށް އަންގައިފައިވާ ކަމަށްވެސް އަރބަންކޯއިން ވަނީ ބުނެފައެވެ.
”ވޮއިސް“ ނޫހަށް މަޢުލޫމާތު ދެއްވަމުން އަރބަންކޯގެ ޑިރެކްޓަރ އޮފް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ނިއުޝާދު ޝަރީފް ނިއުޝާދު ވިދާޅުވީ ފްލެޓްތައް އަނބުރާ އަރބަންކޯ އާއި ހަވާލު ކުރަން ވާނީ ފްލެޓް ދޫކުރި އިރު ހުރި ގޮތަށް ކަމަށެވެ. އަދި އެކުންފުނިން ފްލެޓާއި ހަވާލުވާއިރު ފްލެޓްގައި ހުންނަ އެއްޗެއްސަކީ އަރބަންކޯއަށް ނެގޭނެ ތަކެތި ކަމަށާއި އެފަރާތުން ނުދައްކައިވާ ކުލީގެ ފައިސާ ދެއްކުމަށްވެސް އަންގާފައި ވާނެ ކަމަށްވެސް ނިއުޝާދު ވިދާޅުވިއެވެ.