ރިޕޯޓް

ސަރުކާރުގެ ހުންގާނުގައި އެމްޓީސީސީ

ފާއިތުވެގެން ދިޔަ 2 އަހަރެއްހާ ދުވަހަކީ ރާއްޖޭގެ އިގްތިސާދު ވަރަށް ވެސް ބޮޑަށް ހީނަރުވެގެން ގޮސްފައިވާ 2 އަހަރޭ ދެންނެވުމަކުން ދޮގަކަށް ނުވާނެއެވެ. ސަބަބުތަކެއް ވެސް ނެތިއެއް ނޫނެވެ. ކޮވިޑް 19 މުޅި ދުނިޔޭގައި ފެތުރިގެން ދިއުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދުގެ ރަން ބިސް އަޅާ ކުކުޅު ކަމުގައިވާ ފަތުރުވެރިކަން ހުއްޓުމަކަށް އައެވެ. ނަތީޖާއަކަށް ވެގެން ދިޔައީ ބޭރުގެ އިންވެސްޓަރުން ރާއްޖެގައި އިންވެސްވެސްޓް ކުރުން މެދުކަނޑައިލުމެވެ. އެތައް ބައެއްގެގެ ވަޒީފާތައް ގެއްލިގެން ދިއުމެވެ. ސަރުކާރުގެ އާމްދަނީ އެތައް ގުނައަކަށް ދަށް ވެގެންދިއުމެވެ. މިކަން ވެގެންދިޔައީ ސަރުކާރަށް ކުރިމަތިވި ވަރަށްވެސް ބޮޑު ގޮންޖެހުމަކަށެވެ.

ސަރުކާރަށް ތަރައްގީގެ މަޝްރޫތައް ހިންގުން ވެގެން ދިޔައީ ވަރަށް ބޮޑު ވޭނަކަށެވެ. ސަރުކާރުގެ މި ތަސައްލީތަކަށް ލުޔެއެއް ގެނެސްދިނީ މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އެވެ. އެމްޓީސީއިން ވަނީ މި ދަތި އުނދަގޫ ވަގުތުގައިވެސް އެތައް ގޮތަކުން ސަރުކާރަށް އެހީތެރިވެދީފައެވެ. އެތަކެއް ތަރައްގީގެ މަޝްރޫތަކާއި ހަވާލުވެ، އެ މަޝްރޫއުތައް ކުރިއަށް ގެންދަން ފަށާފައެވެ.

އެމްޓީސީސީއިން ވަނީ ރެކޯޑު އަދަދަކަށް ތަރައްގީގެ މަޝްރޫއުތައް ނިންމާފައެވެ. އެގޮތުން 2020 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާރގައި އެކަނި ވެސް 53 އުމްރާނީ ތަރައްގީގެ މަޝްރޫއު ފަށައި، 34 މަޝްރޫއުވަނީ ނިންމާފައެވެ. މިއީ އެކުންފުނިން މިހާތަނަށް އަހަރެއްގެ މައްޗަށް އެންމެ ގިނަ ޕްރޮޖެކަޓްތައް ނިންމި ފުރަތަމަ ފަހަރުކަން އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވަނީ ފާހަގަކުރައްވާފައެވެ. އެ އަހަރު އެ ކުންފުނިން ވަނީ ހޯރަފުށީގައި އެއާރޕޯޓް އެޅުމާއި، ފުވައްމުލައް ސިޓީގައި ރިންގް ރޯޑް އެޅުން ފަދަ ބިޔަ މަޝްރޫއުތައް ކުރިއަށް ގެންގޮސްފައެވެ. އަދި މިވަގުތު 50 މަޝްރޫއެއް ކުރިއަށް ދާކަމަށާއި އަވަސް މުސްތަގުބަލެއްގައި 21 މަޝްރޫއެއް ފެށިގެން ދާނެކަން ވެސް އެމްޓީސީސީއިން ވަނީ ފާހަގަކޮށްފައެވެ.

ތަރައްގީގެ މަޝްރޫތައް އެކަންޏެއް ނޫނެވެ. އިގްތިސާދީގޮތުން ރާއްޖެ އަނދަވަޅުގަނޑަކަށް ވެއްޓި އެތައް ބައެއްގެ ވަޒީފާ ގެއްލިފައި މިވާ ދަނޑިވަޅުގައި މިމައްސަލައަށް ހައްލެއް ހޯދައިދިނުމުގައިވެސް އެންމެ އިސް ދައުރެއް އަދާކޮރްފައިވަނީ އެ ކުންފުނިންނެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްޓީސީސީއިން ކުރިއަށް ގެންދާ މަޝްރޫތަކުގައި މަސައްކަތް ކުރުމަށް 250 ދިވެހިންނަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ. އަދި މި 250 މީހުނަށް 10000 ރުފިޔާ އާއި 25000 ރުފިޔާ އާއި ދެމެދުގެ މުސާރައެއް ދޭނެކަން ވެސް އެކުންފުނިން ފާހަގަކުރެއެވެ.

މަޑު ދުވެއްޔެއްގައި ނަމަވެސް ސަރުކާރު ހިންގައި ކުރިއަށް ގެންދިއުމުގައި އެމްޓީސީސީއިން މި ވަނީ ވަރަށް ވެސް މުހިއްމު ދައުރެއް އަދާ ކޮށްފައެވެ. ވަރަށްވެސް ބޮޑު ގުރުބާނީތަކެއް ވެފައެވެ. އެތަށް ރައްޔިތުންނެއްގެ އުންމީދުތަށް ފުރިހަމަ ކޮށްދީފައެވެ.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button