ޚަބަރުސިޔާސީ

ފުށިދިއްގަރު ފަޅު ހިއްކަނީ ސީއެމްސީސީއަށް 70 ހެކްޓަރުގެ ބިން ދޭ ގޮތަށް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ރަސް މާލެ ސިޓީ ތަރައްގީ ކުރުމަށް ފުށިދިއްގަރު ފަޅު ހިއްކަން ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ)އަށް ހަވާލުކޮށްފައިވަނީ ޖުމްލަ 70 ހެކްޓަރުގެ ބިން އެ ކުންފުންޏަށް ދޭ ގޮތަށް ކަމަށް އެ މަޝްރޫއު ހިންގާ އާބަންކޯއިން މިއަދު ބުނެފިއެވެ.

ކަން މިހެން އޮތްއިރު ފުށިދިއްގަރު ފަޅުން ހިއްކަނީ ޖުމްލަ 1،153 ހެކްޓަރުގެ ބިމެވެ. އެ މަސައްކަތް ވަނީ މިދިޔަ ހޯމަ ދުވަހު ފަށާފައެވެ.

ބަޔަކާ ހަވާލުކޮށްގެން އެ މަސައްކަތް ފެށި ނަމަވެސް އެ ކޮންޓްރެކްޓްގެ އެއްވެސް މައުލޫމާތެއް ހާމަނުކުރާތީ ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އާބަންކޯގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވަނީ އެ މަޝްރޫއުގެ ތަފްސީލްތައް ވިދާޅުވެ ދެއްވާފައެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ މަސައްކަތަށް އަގު އަދާކުރުމުގެ ގޮތުން ސީއެމްސީއަށް ދެނީ ހުޅުމާލެއިން 10 ހެކްޓަރު އަދި ރަސްމާލެއަށް މިހާރު ހިއްކަން ފަށާފައިވާ ބިމުން 60 ހެކްޓަރެވެ. އަދި އެ އަދަދަށް ބިން ދެނީ ރަސް މާލެ ތަރައްގީކުރަން ހިނގާނޭ ކަމަށް ބެލެވޭ 50 އަހަރުގެ މުއްދަތަަށް ކަމަށާއި، އެ ކުންފުންޏަށް ދޭ ބިންތައް އެ ކުންފުނިން ބޭނުން އަގެއްގައި ބޭނުން ބަޔަކަށް ވިއްކޭނެކަމަށާއި، ނަމަވެސް ވިއްކޭނީ އާބަންކޯގެ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތަށް ކަމަށެވެ.

ފަޒުލް ވިދާޅުވިގޮތުގައި ރަސްމާލެ މަޝްރޫއުގެ ބިން ހިއްކުމަކީ ސަރުކާރުން އެއްވެސް ޒިންމާއެއް ނަަގަން ޖެހޭ މަސައްކަތެއް ނޫނެވެ. އެ މަސައްކަތަށް ސީއެމްސީސީއަށް ދޭން ޖެހޭ ގެރެންޓީ އާއި ހުރިހާ ޔަގީން ކަމެއް ވެސް ދިނީ ސީދާ އާބަންކޯއިންނެވެ. އެ އެގްރިމަންޓުގެ ސަބަބުން އާބަންކޯގެ އާމްދަނީއަށް ވެސް ތިޔާގިކަން އަންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button