ޚަބަރުސިޔާސީ

އެމްޕީއެލްގެ ފްލެޓްތަކުން ކުލި ކުޑަކުރަން ނިންމައިފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅަމުންދާ ފްލެޓްތަކުގެ ކުލި ކުޑަކުރަން ނިންމާފައިވާ ކަމަށް އެ ކުންފުނީގެ ސީއީއޯ މުޙައްމަދު ވަޖީހު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވަޖީހު މިހެން ވިދާޅުވެފައިވަނީ ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި އެމްޕީއެލްގެ ފްލެޓްތަކާއި ބެހޭގޮތުން މައުލޫމާތު ހިއްސާ ކުރައްވަމުންނެވެ.

ސީއީއޯ ވަޖީހު މިއަދު ވިދާޅުވީ، އެމްޕީއެލް އިން 2018 ވަނަ އަހަރު ހުޅުމާލެ ފޭސް 2 ގައި އަޅަންފެށި ފްލެޓްތަކުގެ ކުލި ކުޑަކުރަން ނިންމުމުގެ އިތުރުން، ކުލި ނެގުން ފަސްކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެ ނިންމުން ނިންމާފައިވާ މައިގަނޑު ސަބަބަކީ، ކުރިން ނިންމާފައިވާ ގޮތުން، އޭޕްރިލް މަހުން ފެށިގެން ކުލި ދައްކަން ޖެހޭގޮތައް އޮތް ނަމަވެސް، އަދިވެސް ފްލެޓުތަކުގެ ބައެއް މަސައްކަތްތައް ނުނިމި ހުރުމުން، ފްލެޓުތައް ދޫކުރުމުގައި ލަސްވަމުން ދާތީ ކަމުގައި ވަޖީހު ފާހަގަކުރެއްވިއެވެ.

މުވައްޒަފުންނަށް ދޭ ޔަގީންކަމަކީ، ފްލެޓަށް މީހުން ވަދެ ހަމަޖެހި ނިމުނީމަ ނޫނީ ކުލި ނަގަން ނުފަށާނެ ކަމުގެ ޔަގީންކަން. އަދި މިހާރުގެ ކުއްޔަށްވުރެ ކުލިވެސް ކުޑަކޮށްދޭނަން“ އެމްޕީއެލްގެ ސީއީއޯ ވަޖީހު ވިދާޅުވިއެވެ.

 

ފްލެޓުތަކުގެ ނުނިމި ހުރި މަސައްކަތްތައް ދެނެގަނެ އެ މަސައްކަތްތައް ވީހާވެސް އަވަހަށް ނިންމުމަށް މަސައްކަތް ކުރަމުން ދާކަމަށް ވަޖީހު ވިދާޅުވިއެވެ. އެގޮތުން މިވަގުތު މައިގަނޑު ގޮތެއްގައި ނުނިމި ހުރި މަސައްކަތްތަކަކީ ފްލެޓުތަކުގެ ފިނިޝިން މަސައްކަތްތައް ކަމަށް ވަޖީހު ވިދާޅުވިއެވެ.

އޭގެ އިތުރުން ވަޖީހު ވިދާޅުވީ، ކުންފުންޏާ ހަވާލުވިތާ 2 މަސް ދުވަސް ތެރޭ މުވައްޒަފުން ފްލެޓުތަކަށް ވެއްދޭ ވަރުވޭތޯ މަސައްކަތްކުރަން ފަށާފައިވާ ކަމަށެވެ. އަދި، 100އެއްހާ އާއިލާ އެމްޕީއެލް ފްލެޓުތަކުގައި މިހާރު ދިރިއުޅެމުންދާ ކަމަށް ވެސް ވަޖީހު ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button