ރައްޔިތުންގެ މަޖިލިސް 2024ގެ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓެއް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ، ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީ އާއި އިދިކޮޅު އެމްޑީޕީން ވެސް ފަސްކޮށްފިއެވެ.
ޕީއެންސީން އެ ޕާޓީގެ ޕްރައިމަރީ ބޭއްވުމަށް އެންމެ ފުރަތަމަ ނިންމީ މިމަހުގެ 20 ވަނަ ދުވަހުއެވެ. ނަމަވެސް ފަހުން މިދިޔަ ޑިސެންބަރު 23 ވަނަ ދުވަހު ޕްރައިމަރީ ބޭއްވުމަށް އަވަސްކޮށް އެފަހުން މިދިޔަ ޑިސެމްބަރު 15 ދުވަހު ޕީއެންސީން ވަނީ އެ ޕާޓީގެ ޕްރައިމަރީ ކުރިންވެސް އޮތް ގޮތަށް މިމަހުގެ 20 ވަނަ ދުވަހު ބާއްވާ ގޮތަށް ނިންމާފައެވެ.
ނަމަވެސް ޕީއެންސީން މިހާރު ވަނީ އެ ޕާޓީގެ ޕްރައިމަރީ މިމަހުގެ 27 ވަނަ ދުވަހަށް ފަސްކޮށްފައިވާ ކަމަށް އަންގާފައެވެ.
އެ ޕާޓީން ވަނީ ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުންގެ ލިސްޓާއި އަދި ޕްރައިމަރީގައި ވޯޓުލާ މީހުންގެ ލިސްޓް އާންމު ކުރާނެކަމަށް ވެސް ބުނެފައެވެ.
އެމްޑީޕީގެ ޕްރައިމަރީ ބާއްވާ ގޮތަށް އެންމެ ފުރަތަމަ ހަމަޖެއްސީ މިމަހުގެ 26 އަދި 27 ވަނަ ދުވަހެވެ. ނަމަވެސް އެމްޑީޕީން ވަނީ އެ ޕާޓީގެ ޕްރައިމަރީ އަންނަ މަހުގެ ތިންވަނަ ދުވަހަށް ފަސްކޮށްފައިވާކަން އިއުލާނު ކޮށްފައެވެ.