ޕާޓީގެ މެންބަރުން އިސްކޮށްތިބެ، އެހެން ޕާޓީއަކަށް މެންބަރުން އިތުރުކުރަން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ނުރުހުން ފާޅުކުރައްވައިފިއެވެ.
ކުރީގެ ރައީސް ޔާމިން ވަނީ، އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުނއ ދަނިކޮށް ގޭބަންދަށް ބަދަލުކޮށް، މި ހަފުތާގައި ކަރެކްޝަނަލް ސާވިސް އިން ބޭސްފަރުވާއަށް އިތުރު ލުޔެއް އެމަނިކުފާނަށް ހަމަޖައްސައިދެއްވާފައެވެ. ރަށު ބަންދަށް ބަދަލުކުރެއްވުމާއެކު، ރޭ ވަނީ ޕީޕީއެމްގެ އޮފީހަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލު ކުރައްވާފައެވެ.
އެ ބައްދަލުވުމަކީ ކުއްލި ގޮތަކަށް ނުރަސްމީކޮށް ބޭއްވި ބައްދަލުވުމަކަށް ވާތީ ޕާޓީގެ އިސް ބޭފުޅަކު ބައިވެރިވެވަޑައެއް ނުގަންނަވައެވެ. ޔާމީނާއެކު އިންނެވީ އެމަނިކުފާނުގެ ގާނޫނީ ވަކީލް، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދެވެ.
ރޭގެ ބައްދަލުވުމުގައި ޔާމީން ދެއްކެވި ވާހަކަފުޅާ ހަވާލާ ދެއްވައި ޑރ.ޖަމީލް ވިދާޅުވެފައިވަނީ ޕީޕީއެމް ނޫން އެހެން ޕާޓީއެއްގެ ފޯމު ފުރަން އެމަނިކުފާނު ވަޑައިނުގަންނަވާނެ ކަަމަށާއި މެންބަރުން ވެސް ދާން ނުޖެހޭނެ ކަމަށެވެ.
”ޕާޓީގެ އެއްވެސް މެމްބަރަކު އެހެން ޕާޓީއަކަށް ނުވަތަ ޕީއެންސީއަށް ފޯމުފުރަން ނުޖެހޭ. އެއީ އެއް ފިކުރެއްގެ ދެ ޕާޓީ،“ ޔާމީން ވިދާޅުވެފައިވާކަމަށް ޑރ.ޖަމީލް ފޭސްބުކްގައި ލިޔުއްވައިފައިވެއެވެ.