ޚަބަރުސިޔާސީ

ސާޖިދާއަށް ފުރައްސާރަ ކުރުމަށްވުރެ މުހިންމު ކަންކަން އެބަހުރި: ޑިމޮކްރެޓްސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދަށް ހެލްތު މިނިސްޓްރީން ދީފައިވާ ވޭޖް އެމްޕްލޯއިމެންޓް ކޮންޓްރެކްޓު ބާތިލު ކުރުމަށް މަޖިލީހަށް ކުއްލި މައްސަލައެއްގެ ގޮތުގައި ވަނީ ހުށައަޅާފައެވެ. އަދި އެއީ ސާޖިދާއަށް ފުރައްސާރަ ކުރަން ކުރި ކަމެއް ކަމަށާއި އެއަށްވުރެ މުހިއްމު ކަންކަން އެބަހުރި ކަމަށް ޑިމޮކްރެޓްސްގެ ބައެއް މެންބަރުން ވިދާޅުވެއްޖެއެވެ.

ވޭޖްއެމްޕްލޯއިމަންޓް އުސޫލުން ހެލްތު މިނިސްޓްރީން ސާޖިދާއާއެކު ހަދާފައިވާ އެއްބަސްވުން ބާތިލް ކުރަން ގޮވާލާ، މަޖިލީހުގެ ޖަލްސާގައި ކުއްލި މައްސަލަ ހުށަހެޅުއްވީ އެމްޑީޕީ ތަމްސީލު ކުރައްވާ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ އެވެ.

އެ މައްސަލަ ހުށަހަޅުއްވާ ސަބަބުތަކުގެ ތެރޭގައި އޭނާ ވިދާޅުވީ ސާޖިދާއަށް ހަތަރު އަހަރުގެ ނޯ-ޕޭ ލީވްއެއް ދިނުމަށްފަހު ވޭޖް އެމްޕްލޯއިމެންޓް ކޮންޓްރެކްޓް ހަދާފައިވަނީ ސިވިލް ސާވިސް ގަވައިދާ ހިލާފަށް ކަމަށާއި އެކަމާ ގުޅިގެން ސިވިލް ސާވިސްގެ ގިނަ މުވައްޒަފުން ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށެވެ.

ގާނޫނުއަސާސީގެ 20 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުން، ގާނޫނުގެ ކުރިމަތީގައި ކޮންމެ މީހަކީ ވެސް ހަމަހަމަ ވެގެންވާ މީހެއް ކަމާއި ގާނޫނުން ލިބިދޭ މަންފާތައް ލިބިގަތުމަކީ ކޮންމެ މީހެއްގެ ވެސް ހައްގެއް ކަމަށް ޔައުގޫބު ވަނީ ފާހަގަކުރައްވާފައެވެ.

މައްސަލައިގެ ބަހުސަށް ހުޅުވާލުމުން ޑިމޮކްރެޓްސް ތަމްސީލު ކުރައްވާ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)، އެ މައްސަލަ ސިފަ ކުރެއްވީ ”ފުރައްސާރަ“އިގެ ގޮތުގައެވެ.

”ސިވިލް ސާވިސްގެ ގަވައިދާ ހިލާފަށް ކަމެއް ކޮށްފިނަމަ މި މަޖިލީހުން ވަރަށް ފަސޭހައިން ނިންމޭނެ ގޮތްތައް އެބަހުރި. އެހެން ނަމަވެސް، މިކަން މިވަނީ ސިޔާސީވެފައި ކަމަށް އަޅުގަނޑަށް ފާހަގަކުރެވޭ“ އޭނާ ވިދާޅުވިއެވެ.

އިބްރާހިމް ރަޝީދު ސިފަކުރެއްވި ގޮތުގައި، އެފަދަ މައްސަލަތައް ހައްލު ނުކޮށް ’އަންހެނަކާ ފޮށެން‘ މިފަދަ ކަންކަން ކުރުމަކީ ’ހަޑި ހުތުރު‘ އަމަލެކެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އެކަމަށް ތާއީދު ކުރައްވާ ވިދާޅުވީ ފަސްޓް ލޭޑީ ސިވިލް ސާވިސްގައި މަސައްކަތް ކުރަން ބޭނުންވުމުން ކުރިމަތިވެފައިވާ ހާލަތަކީ ވިސްނުމަށް ފަހު ގޮތް ނިންމަން ޖެހޭ ހާލަތެއްކަން ގަބޫލުކުރައްވާ ކަމަށެވެ.

ނަމަވެސް، އޭނާ ވިދާޅުވީ ކޮމިޓީ އަކުން އެ މައްސަލަ މިހާރު ވެސް ބަލަމުންދާއިރު، އަނެއްކާ އަލުން ކުއްލި މައްސަލައެއްގެ ގޮތުގައި އެކަން ހުށަހަޅާ، ގައުމުގެ ސަމާލުކަމަށް އެކަން ގެނެސްގެން ބަހުސެއް ކޮށްގެން އެ މައްސަލަ ކުރިއަށް ގެންދަންވީ އެއްވެސް ސަބަބެއް އެއްގޮތަކަށް ވެސް ނުވިސްނޭ ކަމަށެވެ.

”މިއަށް ވުރެ މާ މުހިއްމު ކަންކަން އެބަހުރި ބަލަން،“ އީވާ ވިދާޅުވިއެވެ.

ސީއެސްސީން ބުނެފައިވަނީ ސާޖިދާއަށް ދީފައިވާ ކޮންޓްރެކްޓުގައި ޓެކްނިކަލް ދާއިރާގެ ފަންނީ ލަފަޔާއި މުވައްޒަަފުން ތަމްރީނުކުރުމާއި ގަވައިދުތަކާއި އުސޫލުތައް ހެދުމުގެ މަސައްކަތުގައި ސާޖިދާގެ އެހީތެރިކަން ބޭނުންވާ ކަމަށާއި މަހަކު 40 ގަޑިއިރު މަސައްކަތް ކުރާ ގޮތަށް، ގަޑިއަކަށް 75ރ.ގެ މަގުން މުސާރައެއް ދިނުމަށެވެ.

އެހެންކަމުން، އެ ކޮންޓްރެޓުގެ ދަށުން ސާޖިދާއަށް މަހަކަށް ގިނަވެގެން ލިބިވަޑައިގަންނަވާނީ 3،000ރ. އެވެ.

ސީއެސްސީގެ ރައީސް މުހައްމަދު ނާސިހު ވިދާޅުވެފައިވާ ގޮތުގައި، ފަސްޓް ލޭޑީ މުސާރަ ނަންގަވަން ބޭނުން ނުވާ ކަމަށް ހެލްތު މިނިސްޓްރީން އެ ކޮމިޝަނަށް އަންގާފައިވީ ނަމަވެސް، ގަވައިދުގެ ދަށުން މުސާރަ ނުދޭ ގޮތަށް މަސައްކަތެއް ނުކުރެވޭނެއެވެ. ނަމަވެސް، ފަސްޓް ލޭޑީއަށް ލިބޭ އެލަވަންސް ލިބޭހާ ދުވަހަކު ދައުލަތުން އިތުރު މުސާރައެއް ނުނަންގަވާނެ ކަމަށް ސާޖިދާ ވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، އޭނާއަށް ލިބޭ އެއްޗެއް ހަދިޔާ ކުރައްވާނެ ކަމަށެވެ.

ރައީސްގެ މުސާރަ އާއި އިނާޔަތްކާ ބެހޭ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ނުވަތަ ފިރިކަލުންނަށް އެލަވަންސެއް ދޭން ޖެހޭއިރު، އެ އެލެވަންސްގެ އަދަދަކީ ރައީސްގެ މުސާރައިގެ ތިން ބައިކުޅަ އެއް ބައެވެ. ރައީސްގެ މުސާރަ އަކީ 100،000ރ. އަށް ވާއިރު ސާޖިދާއަށް ކޮންމެ މަހަކު އެލަވަންސްގެ ގޮތުގައި ލިބިވަޑައިގަންނަވާނީ 33،333ރ. އެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button