މިއަަދުން ފެށިގެން ދަރިމައިވުމުގެ ފަރުވާ އާސަންދައިން ލިބޭނެ

ދަރިމައިވުމުގެ ފަރުވާ އާސަންދައިން، މިއަަދުން ފެށިގެން ލިބޭޭނެކަމަށް އިއުލާނު ކުރައްވައިފިއެވެ.
ރައީސް އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޯ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވީ، މިއަދުން ފެށިގެން ދަރިމައިވުމާ ގުޅޭ ފަރުވާގެ ހިދުމަތްތައް އާސަންދައިގެ ދަށުން ހަމަޖެހިގެން ދާނެކަމަށެވެ.
”އެއީ މީގެ ތެރޭގައި ޕީސީއޯއެސް އަދި އެންޑޯމެޓްރޯސިސް ހިމެނިގެންދާ ގޮތަށް، ކުރިއަށް އޮތް ދުވަސް ތެރޭގައި އާސަންދަ ކުންފުނިން އިދާރީ އިންތިޒާމްތައް ފުރިހަމަ ކުރުމަށްފަހު މި ފަރުވާތަކުގެ ތެރޭގައި އައިވީއެފް ހިދުމަތްތައް ވެސް ކައިރި މަދު ހަފްތާ ތަކުގެ ތެރޭގައި ބޭނުން ހިފަން ފަށާނެ ކަން އަޅުގަނޑު ފާހަގަކޮށްލަން ބޭނުން،“. ފިރުޒުލް ވިދާޅުވިއެވެ.
އިންފާޓިލިޓީއަށް ވަކި އުސޫލެއް ހަދަން ޖެހޭ ގޮތަށް ހުސްނުވާ އާސަންދަ ސްކީމް ހިންގުމުގެ ގަވާއިދަށް މިއަދު ވަނީ އިސްލާހު ގެނެސްފައެވެ. އެގޮތުން ދަރިން ނުލިބޭ މީހުން ދަރިން ހޯދުމަށް ކުރާ ފަރުވާ އިންފަރޓަލިޓީ އާ ގުޅޭ ހިދުމަތްތައް ފޯރުކޮށްދޭންވާނީ އެކަމަށް ކަނޑައެޅޭ ވަކި އުސޫލެއްގެ ދަށުން ކަމަށް ބުނެފައިވެއެވެ. މި އުސޫލު އާންމުކޮށް ޝާއިއު ކުރަންވާނެ ކަމަށް ވަނީ ބުނެފައެވެ.
އަދި ދެވަނަ އިސްލާހުގައި ވަނީ އެ އުސޫލުގައި ލިއްބައިނުދޭ ކަމަށް ބަޔާންކޮށްފައިވާ ޚިދުމަތްތައް ފިޔަވައި ދެން ހުރި ހިދުމަތްތައް، އެކަމާ ގުޅިގެން ކަނޑައެޅޭ ވަކި އުސޫލެއްގެ ދަށުން ފޯރުކޮށް ދެވިދާނެކަަމަށެވެ. މި އުސޫލުތައް އާންމުކޮށް ޝާއިއު ކުރަންވާނެ ކަަމަށް ވަނީ ބުނެފައެވެ.
ދަރިމައިވުމުގެ ފަރުވާ އާސަންދަ މެދުވެރިކޮށް ދެވޭގޮތަށް ހަމަޖައްސައި ދިނުމަށް ވަޒީރުންގެ މަޖިލީހުން ނިންމެވީ ޑިސެމްބަރު 5ވަނަ ދުވަހުއެވެ.
މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހަފްތާ 14ގައި ހިމެނޭ ވައުދުފުޅެކެވެ.