ޚަބަރުސިޔާސީ

އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލަން އެގަމުން އެއްބަސްވެއްޖެ: ރައީސް

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލަން އެ ގައުމުން އެއްބަސްވެފައިވާ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ތުރުކީއަށާއި ޔޫއޭއީއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ނިންމަވައިލެއްވުމަށްފަހު މިއަދު ހަވީރު ރާއްޖެއަށް ވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ލޯންޖުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ،

އެ ގައުމުގެ ސިފައިން އަނބުރާ ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަނީ ޑިޕްލޮމެޓިކް އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށާއި އެކަމަށް އިންޑިއާ ސަރުކާރުން ވެސް އިހުތިރާމް ކުރާ ކަމަށެވެ.

”ރާއްޖޭގެ ޑިމޮކްރެޓިކް ނިންމުމަށް އިހުތިރާމް ކުރޭ އެބޭފުޅުން. އަދި އެ ނިންމުމަށް ތަބާވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ވެސް އިންޑިއާގެ ބޮޑުވަޒީރު ވިދާޅުވި. ސިފައިން އަނބުރާ ގެންދާނެ ކަމަށް އޮތީ. މިހާރު ޓެކްނިކަލް ލެވެލްގެ މަސައްކަތްތައް ދަނީ ކުރެވުމުން.“ ރައީސް މުއިއްޒު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވިގޮތުގައި މިހާރު އެއްބަސްވެފައި ވަނީ ހައި ލެވެލް ކޮމިޓީއެއް އެކުލަވާލަައި، މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ދިމާވާ މައްސަލަތައް ހައްލުކުރުމަށެވެ.

”މިސާލަކަށް މާލެ ކައިރީގައި މި ހިނގާ ބްރިޖް މަޝްރޫއު އާއި އެކިއެކި ލޯނުތަކުގައި ދިމާވާ ކަންކަމާ، ގައުމަށް ދިމާވެފައިވާ ބޮޑެތި މައްސަލަތަކާއި. ރައްޔިތުން އެދޭގޮތަށް ކުރިޔަށް ގެންދާނަން.“ މުއިއްޒު ވިދާޅުވިއެވެ.

އިންޑިއާގެ ސަރުކާރުގެ ވެރިންނާއިއެކު ބޭއްވެވި ހުރިހާ ބައްދަލުވުންތަކުގައި ވެސް އެގައުމުގެ ސިފައިން ރާއްޖޭގައި ހަރަކާތްތެރިވާ މައްސަލާގައި ވާހަކަ ދެއްކެވި ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ނަގާފައިވާ ކޮމެޓީގެ މަސައްކަތުގެ އަލީގައި އެކަމަށް ތާރީހެއް ކަނޑައެޅިގެންދާނެ ކަމުގައެވެ.

ޔޫއޭއީގައި ކުރިއަށް ދިޔަ މޫސުމާ ބެހޭ ސަމިޓް ކަމުގައިވާ ކޮޕް28ގެ ހަވާސާގެ ތެރެއިން ރައީސް ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާވެސް ބައްދަލުކުރައްވައި، ގިނަ ކަންކަމުގެ ހައްލު ހޯއްދެވުމަށް ގިނަ މަޝްވަރާތަކެއް ކުރައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button