އެމަނިކުފާނު ވަޑައިގަންނަވަނީ ރައްޔިތުންނަށް ހިދުމަތް ކުރައްވަން ކަމަށާއި، ހިދުމަތް ދެއްވުމުގައި ނުވަތަ ސަރުކާރުގެ އެއްވެސް އިދާރާއަކުން ފޮރުވަންޖެހޭ މައުލޫމާތެއް ނޯންނާނެކަމުގައި އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޑރ.މުއިއްޒު މިފަދައިން ވިދާޅުވީ ރާއްޖޭގެ ހުރިހާ މީޑިއާތަކާއި ނޫސްވެރިންނަށް އެމަނިކުފާނު މިރޭ ބޭއްވެވި ”ނޫސްވެރިންގެ ގުންޒަރު“ ހަފްލާގައި ވާހަކަފުޅުދައްކަވަމުންނެވެ.
މުއިއްޒު ފާހަގަކުރެއްވިގޮތުގައި އެމަނިކުފާނުގެ ވެރިކަން ވެގެންދާނީ ދެފުށް ފެންނަ ހާމަކަން ބޮޑު ސަރުކާރެއްގެ ގޮތުގައެވެ.
”މަގާމުތަކުގައިވެސް ތިއްބަވާނީ ގާބިލް ބޭފުޅުން. އަޅުގަނޑުމެން މިއަންނަނީ ރައްޔިތުންނަށް ހިދުމަތް ކުރަން. އެހެންވީމާ ރައްޔިތުންނަށް ހިދުމަތްކުރަން އަންނަ މީހަކު ފޮރުވަންޖެހޭ ކަމެއް ނޯންނާނެ.“ މުއިއްޒު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ ތެރޭގައި ސިއްރުން ފޮރުވައިގެން ވިޔަސް އަދި އެނޫން ގޮތަކަށްވިޔަސް ދައުލަތާއި ރައްޔިތުންނަށް ގެއްލުންވާފަދަ އެއްވެސް ކަމެއް އައު ސަރުކާރުން ނުކުރާނެކަމަށާއި، އެފަދަ ކަމަކަށް ޖާގައެއްވެސް ނުދެއްވާނެކަމުގައެވެ.
މިއީ ދިވެހި ނޫސްވެރިކަމުގެ ހަޔާތުގައި ހުރިހާ މީޑިއާތަކާއި ނޫސްތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށް އަމާޒުކޮށްގެން އިންތިހާބީ ރައީސަކު ހަފްލާއަކަށް ދައުވަތު ދެއްވި ފުރަތަމަ ފަހަރެވެ. އަދި މި ހަފްލާގައި ޑރ. މުއިއްޒު ވަނީ ހިޔާލު ފާޅުކޮށް މަޝްވަރާ ދިނުމަށް ބޭނުންވާ ހުރިހާ ނޫސްވެރިންނަށް ފުރުސަތު ދެއްވާފައެވެ. އެގޮތުން މި ހަފްލާގައި ނޫސްވެރިން ވަނީ މީޑިއާތައް އިތުރަށް ހަރުދަނާ ކުރެވޭނެ ދިރާސީ ގިނަ ގޮތްތަކެއްގެ ތަފްސީލް އިންތިހާބީ ރައީސަށް ދެއްވާފައެވެ.