ޚަބަރު

މަޖިލީހުގެ އިދާރާއިން މަޖިލީހުގެ ގަވާއިދު މާނަކޮށްފައިވަނީ ގޯސްކޮށް: ސުޕްރީމް ކޯޓު

މަޖިލިސް ހުއްޓުމަކަށް އަތުވެދާނެ ގޮތަކަށް ގަވާއިދު މާނަ ނުކުރެވޭނެ ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކި ކުރުމަށް ކުރިއަށްދާ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓޭނީ ހަމައެކަނި މަޖިލީހުގެ ނައިބު ރައީސަށް ކަމަށް މަޖިލީހުގެ އިދާރާއިން މަޖިލީހުގެ ގަވާއިދު މާނަކޮށްފައިވަނީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތީ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރަން ހުށަހަޅާފައިވާ މައްސަލަ ކުރިއަށް ނުގެންދެވުމުން އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލާގައި ކޮށްފައިވާ ހުކުމްގައި ބުނެފައިވަނީ މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް ރިޔާސަތު ނުބެލެހެއްޓޭ ހާލަތްތަކުގައި މަޖިލީހުގެ ގަވާއިދުގެ ދަށުން ކަނޑައަޅަންޖެހޭ ފަސް މެންބަރުންނަށް ރިޔާސަތު ބެލެހެއްޓޭނެ ކަމަށް އޮންނަ އޮތުމަކީ މިފަދަ މައްސަލައެއް ދިމާވާ ހާލަތްތަކަށް އޮތް ހައްލެއް ކަމުގައެވެ.

މަޖިލީހުގެ ރައީސްގެ މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ ނުވަތަ ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ނައިބު ރައީސް ކަމަށް ގަވާއިދުގައި ސާފުކޮށް ބުނާތީ، އިތުރު މެމްބަރަކަށް އެފަދަ ގަރާރެއްގެ ރިޔާސަތު ނުބެލެހެއްޓޭނެ ކަމަށް މަޖިލީހުގެ އިދާރާއިން ގަބޫލުކުރިޔަސް، އެއީ ހުކުމްގައި ބުނި ގޮތުގައި ރަނގަޅު މާނަކުރުމެއް ނޫނެވެ.

ސުޕްރީމް ކޯޓުން ބުނެފައިވަނީ މަޖިލީހުގެ އިދާރާއިން މަޖިލީހުގެ ގަވާއިދު މާނަކޮށްފައިވަނީ ގޯސްކޮށް ކަމަށާއި މަޖިލީހުގެ ރިޔާސަތު ހުސްނުވާނެ ގޮތަކަށް ގަވާއިދުން ޖާގަ ދީފައިވާ އިރު، މި ކަމުގައި ވެސް ގަވާއިދު މާނަ ކުރަންޖެހޭނީ ކަމާ ގުޅުންހުރި އެހެން މާއްދާތަކަށް ފުރިހަމަ އަށް ރިއާޔަތްކޮށްގެން ކަމަށެވެ.

ފަސް ފަނޑިޔާރުންގެ އަގުލަބިއްޔަތުން ކުރި ހުކުމުގައި ބުނެފައިވަނީ، ގާނޫނު އަސާސީގެ ދަށުން މަޖިލީހަށް ލާޒިމުކޮށްފައިވާ ކަންކަން ކުރަންޖެހޭނެ ކަމަށެވެ. އެއީ މަޖިލީހުގެ ރައީސްގެ ގަރާރެއް ކުރިއަށް ނުގެންދެވޭ ހާލަތެއް މެދުވެރިވާ ހިނދު، މަޖިލީހުގެ މައްޗަށް ލާޒިމުކޮށްފައިވާ ކަންކަން ކުރަންޖެހޭނެ ކަމަށެއެވެ.

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރުމުގެ ޖަލްސާ އާއި އެ މަނިކުފާނުގެ ކެބިނެޓަށް ރުހުން ދިނުމުގެ ކަންކަމަކީ ގާނޫނު އަސާސީން މަޖިލީހަށް ލާޒިމުކޮށްފައިވާ ކަންކަން ކަމަށާއި، އެ ކަންކަން ނުކޮށް ތިބުމުގެ އެއްވެސް އިހުތިޔާރެއް މަޖިލީހަށް ނޯންނާނެ ކަމަށް ހުކުމުގައި ބުނެފައިވެއެވެ.

މި މައްސަލަ ބައްލަވާފައިވަނީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި، ފަނޑިޔާރު ހުސްނުއްސުއޫދާއި، ފަނޑިޔާރު އަލީ ރަޝީދާއި، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button