ޚަބަރު

ފެނަކައިގެ ކޮރަޕްޝަންގެ ލިޔުންތައް ހާމަކުރިކަމަށް ތުހުމަތުކޮށް މުވައްޒަފު ވަޒީފާއިން ވަކިކޮށްފި

ފެނަކައިން ހިންގާފައިވާ އެކި ވައްކަމާއި، ޖަރީމާތަކާއި، ކޮރަޕްޝަންގެ އަމަލުތައް ހާމަވާ ލިޔެކިޔުންތައް އާންމު ކުރިކަމަށް ތުހުމަތުކޮށް އެ ކުންފުނީގެ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފިއެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މާލީ ހާލަތު ބޮއްސުންލާފައިވާކަމުގެ މައުލޫމާތު އެކި ދިމަދިމާލުން ލިބެމުން ދަނިކޮށް، މިއަދު އިވިގެން ދިޔައީ ފެނަކައިގެ ކޮރަޕްޝަން އަމަލުތަކެއްގެ ލިޔެކިޔުންތައް ހާމަކުރިކަމުގެ ތުހުމަތުގައި އެ ކުންފުނީގެ މުވައްޒަފެއް ވަޒީފާއިން ވަކިކުރި ހަބަރެވެ. މައުލޫމާތު ލިބޭ ގޮތުގައި ވަޒީފާއިން ވަކިކޮށްފައިވަނީ އެ ކުންފުނީގެ ލޮޖިސްޓިކްސް ޑިޕާޓުމެންޓުގެ ސީނިއާ އޮފިސަރުގެ މަޤާމުގައި ހުރި ޔޫސުފް ރަމީޒެވެ.

ޔޫސުފް ރަމީޒު ވަޒީފާއިން ވަކިކުރިކަމާއި، ވަޒީފާއިން ވަކިކޮށް އޭނާއަށް ފޮނުވި ލިޔުން އޭނާ ވަނީ ޓުވިޓާގައި ހިއްސާކޮށްފައެވެ. އޭނާއަށް ފޮނުވި ވަޒީފާއިން ވަކިކުރިކަމުގެ ލިޔުމުގައި ބުނެފައިވަނީ އޭނާ ވަޒީފާއިން ވަކިކުރީ ކުންފުނީގެ ސިއްރު މައުލޫމާތުތަކާއި، ކުންފުނީގެ ލިޔެކިޔުންތައް ހާމަކުރުމާއި، މީސްމީޑިއާ އަދި އެނޫންވެސް ވަސީލަތްތައް މެދުވެރިކޮށް އާންމުކުރުމާއި، ދޫކުރުމާއި، ކޮޕީހެއްދުމާއި، ރެކޯޑުކުރުން ނުވަތަ މިއިންކަމަކަށް މަގުފަހިކުރުން ނުވަތަ އެއިން ކަމެއް ކުރުމަށް އެހީތެރިވެދިނުމާއި އެއިން ކަމެއްގައި ބައިވެރިވުމުގެ ސަބަބުން ކަމަށެވެ.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

މީގެ އިތުރުން ޔޫސުފް ރަމީޒުގެ ޓުވީޓުގައި ބުނެފައިވަނީ މިހާރު މީސްމީޑިއާގައި ދައުރުވަމުންދާ، ފެނަކައިން ހިންގާ ކޮރަޕްޝަނާ ގުޅޭ ލިޔެކިޔުންތައް ބޭރުކުރާ މީހަކީ އޭނާކަމަށް ތުހުމަތުކޮށް، އިތުރު ކޮރަޕްޝަނާ ގުޅޭ ލިޔުންތަކެއް ހާމަކޮށްފާނެކަމަށް ބުނެ އޭނާ މި މަހުގެ 2 ވަނަ ދުވަހުން ފެށިގެން ވަޒީފާއިން ވަކިކޮށްފައިވާކަމަށެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެރިން ހާއްސަކޮށް ފެނަކައިގެ ގިނަ އަދަދެއްގެ ކޮރަޕްޝަން މައްސަލަތައް ފެންމަތިވެފައިވާއިރު، އެ މައްސަލަތަކާ ގުޅޭ ވާހަކަތަައް ދައްކާ، އެކަންކަމާ ގުޅޭ ލިޔެކިޔުންތައް ހިއްސާކުރުމަށް މުވައްޒަފުން ޖެހިލުންވަނީ އެ ކުންފުނީގެ އައިޓީ ސެކްޝަން މެދުވެރިކޮށް އެފަދަ މުވައްޒަފުން ދެނެގަނެ އެމީހުންނާމެދު ހަރުކަށި ފިޔަވަޅުތައް އަޅަމުންދާތީކަމަށް، ނަން ހާމަނުކުރުމަށް އެދި ކުންފުނީގެ ބައެއް މުވައްޒަފުން ވަނީ މައުލޫމާތުދީފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button