ޚަބަރު

އިސްލާމްދީނުގެ ޢަސާސް ތަކާއި ޚިލާފުވުމަކީ ލާދީނިއްޔަތު: ޝެއިޚް ފިކުރީ

އިސްލާމް ދީނަކީ ދިރިއުޅުމުގެ ހުރިހާ ކަމެއްގެ މައްޗަށް އިސްވެ އޮންނަންޖެހޭ އަސާސް ކަމަށާއި، އެކަމާ ޚިލާފަށް ކަންކަން ގެންދިއުމަކީ ”ލާދީނިއްޔަތު“ ކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝެއިޚް ހަސަން ފިކުރީ ވިދާޅުވެއްޖެއެވެ.

ޝެއިޚް ފިކުރީ މިފަދައިން ވިދާޅުވެފައި މިވަނީ ކުރިއަށްއޮތް ރިޔާސީ އިންތިޚާބާއި ދިމާކޮށް ދީނީ ޢިލްމުވެރިންނަށް ދަރުސް ދިނުމަށް ހުރަސް އެޅޭފަދަ ޤަވާއިދެއް އިލެކްޝަންސް ކޮމިޝަނުން އާންމުކުރުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

އީސީން ނެރުނު ޤަވާއިދުގައި ދީނީ ދަރުސްތައް ދެއްވާއިރު އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނާއި ގުޅިގެން ވާހަކަދެއްކުން ވަނީ މަނާ ކޮށްފައެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމު ކޮށްފައިވާ ރިޔާސީ އިންތިޚާބުގެ ޤަވާއިދުގައިވާ ގޮތުން، ދީނީ އެކިއެކި މުނާސަބަތުގައާއި، ދީނީ ދަރުސްތަކުގައާއި، އަދި ޚުޠުބާތަކުގައި ވަކި ކެނޑިޑޭޓަކަށް ނުވަތަ ވަކި ޕާޓީއަކަށް ތާއީދު ހޯދުމަށް ނުވަތަ ތާއީދު ކުޑަކުރުމުގެ ގޮތުން އެއްވެސް ވާހަކައެއް ދައްކައިގެން ނުވާނެއެވެ. އަދި އެއްވެސް ކެނޑިޑޭޓަކަށް ތާއީދު ހޯދުމަށް މަސައްކަތްކުރުމުގައ،ި އިސްލާމްދީނުގެ އަސްލުތަކާ ޚިލާފު އެއްވެސް ވާހަކައެއް ދައްކާ އިސްލާމްދީނުގެ ޙުރުމަތްކެނޑޭ ފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށްވެސް އެ ޤަވާއިދުގައި ބުނެފައިވެއެވެ.

މިކަމަށް ޢިޝާރާތް ކުރައްވާ ޝެއިޚް ފިކުރީ ވިދާޅުވީ ދީނާއި ސިޔާސަތު ވަކިކުރުމަކީ ސެކިޔުލަރ ފިކުރު ފެށިގެން އައި ގޮތް ކަމަށާއި، ދީނަކީ ދިރިއުޅުމުގެ ހުރިހާ ކަމެއްގެ މައްޗަށް އިސްވެ އޮންނަން ޖެހޭ އަސާސް ކަމަށެވެ. އަދި މިއާއި ޚިލާފަށް ކަންކަން ގެންދިއުމަކީ ”ލާދީނިއްޔަތު“ ކަމަށް ޝެއިޚް ވިދާޅުވިއެވެ.

ބެލެވޭ ގޮތުގައި އިލެކްޝަނުން މިފަދަ ޤަވާއިދެއް އެކުލަވާލާފައި މިވަނީ ދިވެހި ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުން ބައެއް ރައީސް އިބްރާހިމްގެ ސިއްރު ސިޓީ އަކުން ވިއްކާލި މައްސަލާގައި ”މިނިވަންކަން“ ނަމުގައި، ޖަމިއްޔަތުއް ސަލަފުން ވަނީ ބޮޑު ދަރުހެއް ބާއްވާފައި ވަނިކޮށެވެ. އެ ދަރުސްގައި އަލިއަޅުވާލެއްވީ ރާއްޖޭގެ މިނިވަންކަން ގެއްލުނު ކޮންމެ ފަހަރަކު ކަން ހިނގާދިޔަ ގޮތާއި މިނިވަންކަން ގެއްލި، މިނިވަން ކަމަށް އަސަރު ކުރި ގޮތްތަކުގެ ވާހަކަ އެވެ. އެ ދަރުސްތެރެއިން ޝެއިޚް ސަމީރު ވަނީ ސިއްރު ސިޓީ ތަކުން މާޒީގައި ރާއްޖޭގެ މިނިވަންކަމަށް ކޮށްފައިވާ އަސަރުތައް ހާމަ ކުރައްވާފައެވެ. އަދި ދިވެހިރާއްޖެއަކީ މުސްލިމް ޤައުމެއްގެ ގޮތުގައި އޮތުމަށް މިނިވަންކަން ނުހަނު މުހިންމު އިރު، މިހާރު އެ މިނިވަންކަމާއި މެދު ވިސްނާލަންޖެހިފައިވާ ކަމަށްވެސް ޝެއިޚް ސަމީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button