ޚަބަރުސިޔާސީ

ފޯޅަވަހީގެ ސިޔާދަތީ ބާރު މޮރިޝަސްއަށް އިނގިރޭސިވިލާތުގެ ސަރުކާރުން ދޫކޮށެއް ނުލާނެ!

ފޯޅަވަހި ނުވަތަ ޗާގޯސް ޖަޒީރާގެ ސިޔާދަތީ ބާރު މޮރިޝަސްއަށް އިނގިރޭސިވިލާތުގެ ސަރުކާރުން ދޫކޮށެއްނުލާނެއެވެ.

އިނގިރޭސިވިލާތުގެ ޓެލެގުރާފް ނޫހުގައި ބުނެފައިވާ ގޮތުން އިނގިރޭސީން މަޝްވަރާގެ މޭޒު ދޫކޮށް، މޮރިޝަސްއަށް ޗާގޯސް ނުދޭނެކަމަށާއި އެކަން އެހެން ނިންމީ މޮރިޝަސްއަށް އެ ޖަޒީރާ ދީފިނަމަ އިންޑިއާ ކަނޑުގައި ޗައިނާގެ ބާރު ގަދަވާނެ ކަމުގެ ބިރަށެވެ. މޮރިޝަސް އަކީ ޗައިނާއަށް ވާގިވެރިވާ، އެ ގައުމާއެކު ގާތް ގުޅުމެއް އޮތް ގައުމެކެވެ.

ޗާގޯސްގެ ރަށްތަކަށް އިނގިރޭސީން ވެރިވެގަތީ 1800 ގެ އަހަރުތަކުގަ އެވެ. އެ ރަށްތަކުގެ ތެރެއިން އިނގިރޭސިން ވަނީ ޑިއެގޯ ގާސިއާ ވަނީ އެމެރިކާގެ އަސްކަރީ މަރުކަޒެއް ގާއިމުކޮށް ހިންގުމަށް 2036 ގެ ނިޔަލަށް ކުއްޔަށް ދީފަ އެވެ.

އދ އިން ވަނީ ތަކުރާރުކޮށް އެ ރަށްތަށް އަނބުރާ މޮރިޝަސްއަށް ދިނުމަށް އިނގިރޭސިވިލާތުގެ ކިބައިން އެދިފައެވެ. އަދި އެ ޖަޒީރާގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ކަމަށް ބުނެ އެ ގައުމުން އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް އަށް އެތައް އަހަރެއް ކުރިން ވެއްދި މައްސަލައެއްގެ ހުކުމުން ޗާގޮސްގެ ސިޔާދަތީ ބާރު ވަނީ މޮރިޝަސްއަށް ދީފައެވެ.

އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް އިން 2019 ގައި ކުރި ހުކުމާ އެއްގޮތަށް ޗާގޯސް މޮރިޝަސްއަށް ދިނުމަށް ގޮވާލާ އދ. އަށް ގަރާރެއް ވެސް ހުށަހެޅުނެވެ. ގިނަ ގައުމުތަކުން ގަރާރާ އެއްބަސްވި ނަމަވެސް އެމެރިކާ، އިނގިރޭސިވިލާތް އަދި އޮސްޓްރޭލިއާއިން ވޯޓު ދިނީ އިނގިރޭސީންގެ ބާރުގެ ދަށުގައި ޗާގޯސް ބޭއްވުމަށެވެ.

އދ. އިން 2021 ގައި އިނގިރޭސީން ޗާގޯސްއަށް ބާރުވެރިވުން އެއީ ގައިރު ގާނޫނީ ކަމެއް ކަމަށް ނިންމުމާއެކު، މިދިޔަ އަހަރު ފަހު ކޮޅު އިނގިރޭސީން ވަނީ އެ ޖަޒީރާ މޮރިޝަސްއަށް ދިނުމަށް އެ ގައުމާއެކު މަޝްވަރާތަކެއް ވެސް ކުރިއަށް ގެންދިޔައެވެ.

ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ލިބޭ ކަމަށް ބައިނަލްއަގުވާމީ ކޯޓުން ނިންމި ނިންމުމާއެކު، ޗާގޯސް އާއި ރާއްޖެއާ ދެމެދު އޮތް ކަނޑުގެ އިން ވަކިކުރުމަށް އިޓްލޮސްއަށް ހުށަހެޅި މައްސަލާގައި އެ ކޯޓުން ވެސް ވަނީ އެ އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް ނިންމުން ދަމަހައްޓާފައެވެ. އަދި, ރާއްޖެއާ ޗާގޯސް ޖަޒީރާއާ އާ ދެމެދުން ފުށޫއަރާ ކަނޑުގެ ސަރަހައްދު އެ ކޯޓުން ބައިކޮށްފައި ވެސްވެއެވެ.

އެ މައްސަލާގައި މޮރިޝަސްއާ ދެކޮޅަށް އެންމެ ބޮޑަށް ނެގި ނުކުތާއަކީ ޗާގޯސްގެ ސިޔާދަތީ ބާރު އެ ގައުމަށް ހިނގާކަން ސާފު ނުވާ ކަމަށް ބުނި ބުނުމެވެ. އަދި ސިޔާދަތީ ބާރުގެ މައްސަލަ ފުރަތަމަ ނިންމަން ޖެހޭ ކަމަށްވެސް ރާއްޖެއިން ވަކާލާތު ކޮށްފައިވެއެވެ.

އިޓްލޮސްގެ އެ ނިންމުން އިސްތިއުނާފު ކުރުމަކީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި އެއް ވައުދެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button