ޚަބަރުސިޔާސީ

މަޖިލިސް އިންތިޚާބު އޭޕްރީލު 21ވަނަ ދުވަހު ބާއްވަން އީސީން ނިންމައިފި

20ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އޭޕްރީލު މަހުގެ 21ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މަޖިލިސް އިންތިޚާބު ބާއްވަން ކުރިން ކަނޑައެޅި ތާރީޚަކީ މި ފެށޭ މާރިޗު މަހުގެ 17ވަނަ ދުވަހެވެ. ނަމަވެސް އެ ދުވަސް ރަމަޟާން މަހުގެ ދުވަހަކަށް ވާތީ، ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވާތީ، މަޖިލިސް އިންތިޚާބު ފަސްކުރުމަށް އެމްޑީޕީން ބިލެއް ފާސްކުރިއެވެ.

 

ބިލު ފާސްކޮށް ތަސްދީގުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވުމުން އެމަނިކުފާނު ވަނީ ބިލުގައި ހުރި ޤާނޫނީ މައްސަލަތަކެއް ފާހަގަ ކުރައްވައި ބިލު އަނބުރާ މަޖިލީހަށް ފޮނުއްވާފައެވެ. ބިލު އަނބުރާ ފޮނުއްވި ސަބަބުތަކުގެ ތެރޭގައި އިންތިޚާބު ފަސްކުރުމާ ގުޅުމެއް ނެތް ބައެއް ކަންކަން ބިލުގައި ހިމަނާފައި ހުރިކަމާއި، ބިލުގައިވާ ގޮތަށް އިންތިޚާބު ފަސްކުރުމުން ޤާނޫނުއަސާސީގައި ވަކި މުއްދަތެއްގައި ކުރަން ކަނޑައަޅާފައިވާ ކަންކަން އެ މުއްދަތުގައި ނުކުރެވިދާނެކަމުގެ ކަންބޮޑުވުން ވަނީ ފާހަގަކުރައްވާފައެވެ.

ނަމަވެސް އެމްޑީީޕީގެ އަޣުލަބިއްޔަތު އޮންނަ ރައްޔިތުންގެ މަޖިލީހުން ވަނީ އެ ބިލު ކުރިން ފާސްކުރި ގޮތަށް އަލުން ފާސްކޮށްފައެވެ. އެއާއެކު އެ ބިލު ތަސްދީގު ކުރެއްވުމާމެދު ބަންޑާރަނައިބުގެ ލަފާފުޅަކަށް އެދިވަޑައި ގަންނަވާނެކަން ރައީސް ހާމަކުރެއްވިއެވެ.

ބަންޑާރަނައިބުގެ ލަފާފުޅާއެކު ރައީސް އެބިލު ތަސްދީގު ކުރެއްވުމުން އިންތިޚާބު ބާއްވާނެ ތާރީޚާމެދު ގޮތެއް ނިންމުމަށް އިލެކްޝަންސް ކޮމިޝަނުން ކުއްލި ބައްދަލުވުމެއް ބޭއްވިއެވެ. އެ ބައްދަލުވުމުގައި ކޮމިޝަނުން ނިންމާފައި ވަނީ އޭޕްރީލް މަހުގެ 21ވަނަ ދުވަހު އިންތިޚާބު ބޭއްވުމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button