ޚަބަރު

މަސް ރައްކާކުރާ ސްޓޯރޭޖު ކެޕޭސިޓީއަށް ހައްލެއް ގެންނާނަން: މިނިސްޓަރ ޝިޔާމް

މަސް ރައްކާކުރާ ސްޓޯރޭޖު ކެޕޭސިޓީއާއި އައިސްގެ މައްސަލައަށް ކުރިއަށް އޮތް 18 މަސް ދުވަސްތެރޭ ހައްލެސް ގެންނާނެކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާގެ ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ކެޕޭސިޓީ އިތުރުކުރުމަށް ކުރިން ހަވާލުކުރެވެމުން ބައެއް މަޝްރޫއުތައް އަދިވެސް ހުރީ ނުނިމިކަމަށާއި އެގޮތުން ފެނަކައަށް ދީފައި ހުރި ބައެއް އައިސްޕްލާންޓުގެ މަސައްކަތްތައް ވެސް ނުނިމޭ ކަމަށް ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޝިޔާމް ވިދާޅުވިއެވެ. އަދި ފެލިވަރުގައި ސްޓޯރޭޖް ކެޕޭސިޓީ އިތުރުކޮށް، އިތުރު އައިސްޕްލާންޓުތައް ތަރައްގީ ކުރައްވާނެ ކަމުގެ ޔަގީންކަން ޝިޔާމް ދެއްވިއެވެ.
އެކަންކަމަކީ ލަސްނުކޮށް ކުަރަންޖެހޭ ކަންތައްތަކެއް ކަމަށާއި، ކުރިއަށް ނުގޮސް ހުރި މަސައްކަތްތަކުގެ ކޮންޓްރެކްޓު ބާތިލްކޮށް އެހެން ބަޔަކާ އެކަން ހަވާލުކުރާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
”އަޅުގަނޑު ދަންނަވައިފިން ކުރިއަށް އޮތް 18 މަސް ދުވަހުގެ ތެރޭ އަޅުގަނޑުމެން ބޭނުންވަނީ ދިވެހިރާއްޖޭގެ މަހުގެ ސްޓޯރޭޖުގައި ހުރި ހުރިހާ މައްސަލައެއް އެއްކޮށް ހައްލުކުރަން. “ ޝިޔާމް ވިދާޅުވިއެވެ.
މި މަސައްކަތް ސަރުކާރުން އަވަސް ދުވެލީގައި ކުރާނެކަމަށާއި މިކަމަށް ލަސްވާ ކޮންމެ ދުވަހަކީ އޭގެ ސަބަބުން މަސްވެރިންނަށާއި މަސްވެރިކަމަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެއް ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

މަސްވެރިކަމުގެ ސިނާއަތު މިހާރު އޮތް މިންވަރަށްވުރެ ފުޅާކުރުމުގެ ގޮތުން މަސް ބަންދުކުރާ ކާރުޚާނާތަކާއި، މަސް ރައްކާކުރާ ވަސީލަތްތަކާއި އައިސް ޕުލާންޓުތައް އިތުރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

އޭގެ އިތުރަށް އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި މަސްވެރިންނަށް ކުރިމަތިވެފައި ހުރި ދަތިތައް ހައްލުކުރެއްވުމުގެ ގޮތުން މަސްވެރިންގެ ދަފުތަރެއް އެކުލަވައިލާ، މަސްވެރިކަމަކީ ވަޒީފާއެއްކަމަށް ބަލައި، މާލީ އިދާރާތަކުން އެހެނިހެން ވަޒީފާތައް އަދާކުރާ މީހުންނަށް ލިބޭ ޚިދުމަތްތައް މަސްވެރިންނަށް ލިބޭނެ އިންތިޒާމު ހަމަޖައްސަވާ ދެއްވާނެކަމަށް ވަނީ ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button