ޚަބަރު

ކަރަންޓުގެ މައްސަލަތައް ހައްލުކޮށްދީ، ރައްޔިތުން އެދޭފަދަ ފުރިހަމަ ހިދުމަތެއް ފޯރުކޮށްދެވެންދެން ސްޓެލްކޯގެ އެހީތެރިކަން ފޯރުކޮށްދޭނަން: ފަހުމީ

ކުރީ ސަރުކާރުގެ އިހުމާލުން ކުޅުދުއްފުށީ ރައްޔިތުންނަށް ދިމާވެފައިމިވާ ކަރަންޓުގެ މައްސަލަތައް ހައްލުކޮށްދީ، ރައްޔިތުން އެދޭފަދަ ފުރިހަމަ ހިދުމަތެއް ކުޅުދުއްފުށީގައި ދެވިގެންދާނެ ކަމަށާއި، އެކަން ހާސިލް ކުރެވެންދެން ސްޓެލްކޯގެ މުވައްޒަފުންގެ އެހީތެރިކަން ފެނަކައަށް ދެމުންގެންދާނެ ކަމުގެ ޔަގީންކަން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން ފަހުމީ ދެއްވައިފިއެވެ.

ކުޅުދުއްފުށި ސިޓީގެ ކަރަންޓުގެ ހާލަތު ދެނެގަތުމަށާއި، އެކަން ރަނގަޅު ކުރުމަށް ފޮނުވި އެޑްވާންސް ޓީމް މިހާރު ވަނީ މާލެ އައިސްފައެވެ. އޭގެ ބަދަލުގައި އެ ސިޓީގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރެވެންދެން ސްޓެލްކޯއިން ކޮށްދެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދިނުމަށް ސްޓެލްކޯގެ 8 މުވައްޒަފުންގެ މައްޗަށް ހިމެނޭ ތަޖުރިބާކާރު ޓީމެއް ދަނީ ކުޅުދުއްފުށީގައި ކެނޑިނޭޅި މަސައްކަތްކުރަމުންނެވެ. އެކަމަށް އިޝާރާތް ކުރައްވައި ފަހުމީ ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ދިމާވާ އެފަދަ މައްސަލަތަކަށް އެކުންފުނިން އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމުގައެވެ.

މާތްﷲގެ އިރާދަފުޅާއެކު، ކުރީ ސަރުކާރުގެ އިހުމާލުން ކުޅުދުއްފުށީ ރައްޔިތުންނަށް ދިމާވެފައިމިވާ ކަރަންޓުގެ މައްސަލަތައް ހައްލުކޮށްދީ، ރައްޔިތުން އެދޭފަދަ ފުރިހަމަ ޚިދުމަތެއް ކުޅުދުއްފުށީގައި ދެވިގެންދާނެ. މިކަން ޙާސިލް ކުރެވެންދެން ސްޓެލްކޯގެ އެހީތެރިކަން ފެނަކައަށް ދެމުންގެންދާނެ ކަމުގެ ޔަޤީންކަން އަރުވަން.“ ފަހުމީ ވިދާޅުވިއެވެ.

ސްޓެލްކޯއަކީ ރާއްޖޭގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުންޏެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button