ޚަބަރު

ފިލްމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރި ފައުޒިއްޔާ ނިޔާވެއްޖެ

ދިވެހި ފިލްމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރި ފައުޒިއްޔާ ހަސަން (އުއްސަކުރު ފައުޒިއްޔާ) ނިޔާވެއްޖެއެވެ.

ފައުޒިއްޔާ ނިޔާވީ މެޔަށް ތަދެއް އަރައިގެން ވެއްޓި ފަރުވާދެމުން ދަނިކޮށް ސްރީލަންކާގައެވެ.

ރާއްޖޭގެ ފިލްމީ ދާއިރާގެ ކުޅަދާނަ ތަރި، ފައުޒިއްޔާ މިއަދު ނިޔާވެފައިވާއިރު މިއީ ދިވެހި ފިލްމީ ދާއިރާއަށް ލިބުނު ފޫނުބެއްދޭނެ ގެއްލުމެއްކަމަށް ފިލްމީ ދާއިރާގެ އިސްފަރާތްތަކުން ވަނީ ބުނެފައެވެ. ފައުޒިއްޔާ ވަނީ އޭނާގެ ފިލްމީ ކެރިއަރުގައި ގިނަ ފިލްމުތަކެއްގައި ޙަރަކާތްތެރިވެ ގިނަ ބައެއްގެ މަޤުބޫލުކަން ހޯދާފައެވެ.

ފައުޒިއްޔާގެ ދިގުތާރީހެއްވެސް އޮވެއެވެ. އެގޮތުން އޭނާ އަކީ، 1994 ވަނަ އަހަރު ޕާކިސްތާނަށް ޖާސޫސް ކޮށްދިން ކަމުގެ ތުހުމަތުގައި އިންޑިއާ އިން ހައްޔަރުކޮށް ނުހައްގުން އެތައް ދުވަހެއްވާންދެން ޖަލުގައި ބެހެއްޓި މީހެކެވެ.

ފައުޒިއްޔާ ޙަސަންއާއި އޭނާގެ އެކުވެރިޔާ މަރިޔަމް ރަޝީދާ
ފައުޒިއްޔާ ޙަސަންއާއި އޭނާގެ އެކުވެރިޔާ މަރިޔަމް ރަޝީދާ

އިންޑިއާ ފުލުހުން ފައުޒިއްޔާ ހައްޔަރުކުރީ 1994 ވަނަ އަހަރުގެ ނޮވެމްބަރު 13 ވަނަ ދުވަހުއެވެ.

އިންޑިޔާގެ ކެރެލާ ސްޓޭޓުން 1994 ވަނަ އަހަރު ފައުޒިއްޔާއާއި މަރިޔަމް ރަޝީދާ ހައްޔަރުކުރީ އިންޑިޔާގެ ސްޕޭސް އެންޑް ރިސާޗް އޯގަނައިޒޭޝަނުގެ ސައެންސްވެރިއެއް ކަމުގައިވާ ނަމްބީ ނާރަޔަނަންއާއެކުއެވެ. އެމީހުންނަށް ތުހުމަތު ކޮށްފައިވަނީ ނާޔަރަނަން މެދުވެރިކޮށް، އިސްރޯގެ ސިއްރުތަކެއް ދިވެހި ސަރުކާރަށް ހޯދައިދީ އެ ސިއްރުތައް ދިވެހި ސަރުކާރު މެދުވެރިކޮށް ޕާކިސްތާނަށް މައުލޫމާތު ދޭން އުޅުނު ކަމުގެ ތުހުމަތެވެ.

އެ މީހުން ޖަލުން ސަލާމަތްވެފައިވަނީ 2 އަހަރު ފަހުންނެވެ. އެއީ އިންޑިޔާގެ މަރުކަޒީ ތަހުގީގީ އިދާރާ ކަމުގައިވާ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަނުގެ ތަޙުޤީޤުން މި މުޅި މައްސަލައަކީ ކެރެލާގެ ފުލުހުން އުފަންކުރި އަސްލެއް ނެތް މައްސަލައެއް ކަން ހާމަވުމާ ގުޅިގެންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button