ޚަބަރުސިޔާސީ

ކުންފުނީގެ ޤާބިލުކަން ކަށަވަރު ކުރުމަށްފަހު އެއާޕޯޓުގެ އަމަލީ މަސައްކަތް ފަށަނީ

ގދ.ތިނަދޫގައި ބައިނަލްއަޤުވާމީ ވައިގެ ބަނދަރެއް ޤާއިމުކުރުމަށް ތައިލޭންޑުގެ ކުންފުންޏަކާއެކު ހެދި ފަހުމުނާމާގެ ދަށުން އެއާޕޯޓުގެ އަމަލީ މަސައްކަތް ފަށާނީ އެ ކުންފުނީގެ މާލީ އަދި ފަންނީ ޤާބިލުކަން ކަށަވަރު ކުރުމަށްފަހު ކަމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

އެ ވުޒާރާއިން ނެރުނު ބަޔާނެއްގައި އެކަން ހާމަކޮށްފައިވަނީ އެ ކުންފުނީގެ ޤާބިލުކަމާމެދު ޝައްކު އުފައްދާ ބައެއް ފަރާތްތަކުން މީސްމީޑިއާގައި ތަފާތު ވާހަކަތައް ފަތުރަމުން ދަނިކޮށެވެ.

އެ ވުޒާރާގެ ބަޔާނުގައި ޕޭން ޕެސިފިކް ކޮމްޕެނީއާ ދެމެދުގައި ހެދި އެއްބަސްވުމަކީ ފަހުމުނާމާއެއް ނުވަތަ މެމަރަންޑަމް އޮފް އަންޑަސްޓޭންޑިންއެއް ކަމަށް ވަނީ ބުނެފައެވެ. އެ ފަހުމުނާމާއަކީ އެ ކުންފުންޏާއެކު ތިނަދޫ އެއާޕޯޓުގެ އަމަލީ މަސައްކަތް ކުރަން ފެށުމުގެ ކުރިން ބަލަންޖެހޭ ކަންކަން ބެލުމަށް އިކޮނޮމިކް ކައުންސިލުން ފާސްކޮށް ސޮއިކުރި އެއްބަސްވުމެއް ކަމުގައިވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

މިނިސްޓްރީން ބުނީ އެ ކުންފުނިން އެއްބަސްވުމުގައި ހިމެނުމަށް ހުށަހަޅާފައިވަނީ 4 ކިލޯމީޓަރުގެ ރަންވޭއަކާއި އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް ފަސިންޖާ ޓާމިނަލްއާއި ސީޕްލޭން ޓަމިނަލެއްގެ އިތުރަށް އިންޓަނޭޝަނަލް އެއާޕޯޓެއްގައި ހިމެނޭ އެންމެހާ  ވަސީލަތްތަކުގެ އިިތުރަށް ޕޭންޕެސިފިކުން މަތީ ފަންތީގެ ރިސޯޓުތަކާއި، ޔޮޓް މެރީނާއާއި އަދި ފްލައިން ސްކޫލެއް ތަރައްޤީކުރުމަށް ކަމަށެވެ.

އެ ހުށަހެޅުންތަކާ އެއްގޮތަށް މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށޭނީ އެ މަޝްރޫޢު ހިންގުމަށް ހުށަހެޅި ކުންފުނީގެ މާލީ އަދި ފަންނީ ޤާބިލުކަން ކަށަވަރުކޮށް، އިތުރަށް ބަލަންޖެހޭ ކަންކަން ބަލައި، ރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button