ޚަބަރުސިޔާސީ

ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވުޒާރާއިން ޔުނިވާސިޓީއާއެކު މުހިންމު އެމްއޯޔޫއަކަށް!

މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އާއި ދެމެދު އެމް.އޯ.ޔޫއެއްގައި މިއަދު ސޮއިކޮށްފިއެވެ.

މި އެމް.އޯ.ޔޫގައި މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ.އާއިޝަތު ރަމީލާ އެވެ.  އަދި އިސްލާމިކް ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. އަލީ ޒާހިރު އެވެ.

މި އެމް.އޯ.ޔޫގެ މަޤްސަދަކީ މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރއާ ގުޅޭ ޤަވާއިދުތަކާއި އުޞޫލުތަކާއި މިންގަނޑުތައް އެކުލަވާލުމުގައި ދިރާސާތަކެއްގެ މައްޗަށް ބިނާކޮށް އެކުލަވާލުމަށާއި، ދަނޑުވެރިކަމުގެ ދާއިރާގެ މަސައްކަތްކުރުމަށް ފަހި މާޙައުލެއް ޤާއިމުކުރުމަށްޓަކައި ދިރާސާކުރުމުގެ ސަގާފަތެއް ޤާއިމުކޮށް ކުރިއެރުވުމާއި، މިފަދަ ދިރާސާތައް ކުރުމުގައި ދެ މުޢައްސަސާގެ ތަޖުރިބާ އާއި ފަންނުވެރިކަމުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފައި، ޤާއިމުކުރެވިފައިވާ ވަސީލަތްތައް ހެޔޮގޮތުގައި ބޭނުން ހިފުމަށް މަގުފަހި ކުރުމާއި ދެމުއައްސަސާގެ މުވައްޒަފުންނަށާއި އާންމުންނަށް ބޭނުންވާ ތަމްރީންތައްދިނުމުގައި ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމެވެ. 

މި އެމް.އޯ.ޔޫގެ ދަށުން ކުރިއަށްގެންދާނެ ބައެއް މަސައްކަތްތަކުގެ ތެރޭގައި ދަނޑުވެރިކަމުގެ ކޯސްތައް އެމް.ކިއު.އޭ ޤަބޫލުކުރާ ފެންވަރަށް ދެއިދާރާގުޅިގެން ފަރުމާކޮށް ހިންގަން ފެށުމާއި، ދެ އިދާރާއިން ހިންގާ ތަމްރީނު ޕްރޮގްރާމްތަކާއި ކޯސްތަކުގައި ދެ އިދާރާގެ ފަންނީ މުވައްޒަފުންގެ އެހީތެރިކަން ދެފަރާތުން އެއްވަރަކަށް ޙިއްޞާކުރުމާއި، ދަނޑުވެރިކަން ވިޔަފާރީގެ (އެގްރި-ބިޒްނަސް) ގޮތުގައި ކިޔަވައިދޭނެ މަގުތައް ފަހިކުރުމާއި، ދަނޑުވެރިކަމާއި ގުޅުން ހުރި އެކިއެކި ދާއިރާތަކުން ދިރާސާ ހެދުމާއި، ދަނޑުވެރިކަމުގެ ދާއިރާއިން ރާއްޖޭގައި ހޯދާފައިވާ އެކިއެކި ހޯދުންތައް އިލްމީ ގޮތުން ދިރާސާކޮށް، މިނިސްޓްރީއަށް ބޭނުންވާ ޢިލްމީ މަޢުލޫމާތު ފޯރުކޮށްދިނުމާއި، އަރަބި އިސްލާމީ ޤައުމުތަކާއި ރާއްޖެއާއި އެއްގޮތް މާހައުލުތައް ލިބިފައިވާ ކުދި ޖަޒީރާ ޤައުމުތަކުގައި ދަނޑުވެރިކަން ކުރާ ގޮތާއި، ދަނޑުގޮވާމުން ލިބޭ ތަކެތި ދެނެގަނެ، ރާއްޖޭގައި އެކަން ކުރެވިދާނެ ގޮތްތައް ދެނެގަތުމާއި އަދި ދިވެހިރާއްޖޭގެ ދަނޑުވެރިކަން ތަރައްޤީކުރުމަށް ޤައުމީ ފެންވަރުގައި އެކުލަވާލައި ޕްލޭންތައް އެކުލަވާލުމުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.

މި އެމް.އޯ.ޔޫގެ މުއްދަތަކީ ސޮއިކުރާ ދުވަހުން ފެށިގެން 3 އަހަރެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button